ފަޟީޟަތުއްޝައިޚް އިލްޔާސް ޙުސައިން އެންމެ ފަހުން އިސްލާމީ މަރުކަޒުގައި ދެއްވި ދަރުސްގައި "ކުރުސި ކިޔަވާ! އިބިލީސް ޓައިމް ބޮމެއް ފަދައިން ގޮވާނެ" ކަމަށް ވިދާޅުވުމުން އެއީ ކިހިނެއް ހިނގާނެ ކަމެއް ކަމާއިމެދު ބައެއް މީހުން ވަނީ ސުވާލު އުފައްދައިފައެވެ.
ޝައިޚް އިލްޔާސް "ރިފަރ" އެކުރައްވަވަނީ އަބޫހުރައިރަތުގެފާނު ވިދިވިދިގެން 3 ރޭ އިބިލީސް އަތުލައިގެންނެވި ހާދިސާ އާއި ގުޅިގެން ރަސޫލް (ޞޢވ) ކުރައްވަވާފައިވާ ޙަދީޘްފުޅަށެވެ.
އިމާމް މުފްތީ މެންކު ވެސް ވަނީ މިފަދަ ބަސްފުޅެއް ވިދާޅުވެފައެވެ. "ފަތިސް ނަމާދަށްފަހު އާއި މަޣްރިބް ނަމާދަށްފަހު ކުރުސި، އިޚްލާޞް، ފަލަޤް، ނާސް 3 ފަހަރު ކިޔެވުން މަތީގައި ދެމިހުންނަ މީހަކާއި ޝައިޠާނާއަށް ކައިރިވެސް ނުވެވޭނެ ކަމަށް ވިދާޅުވެފައެވެ.
އަބޫ ހުރައިރަތުގެފާނު، އިބިލީހުގެ މައްޗަށް ގަދަވެވަޑައިގެންނެވި ގޮތާއި ޓައިމް ބޮމެއް ފަދައިން އިބިލީސް ގޮއްވައިލެވޭ ގޮތުގެ ވާހަކަ:
ތަފާތު ސިފަތަކުގައި އިބިލީސް އަބަދުވެސް މީހުންނަށް ފެނެއެވެ. ނަމަވެސް އިބިލީސް އަތުލައިގަތުމަކީ ކުރެވޭ ކަމެއް ނޫން ނަމަވެސް އަބޫހުރައިރަތުގެފާނު ވިދިވިދިގެން 3 ރޭ އިބިލީސް އަތުލައިގެންނެވިއެވެ. އެއީ ﷲ ތަޢާލާ އަބޫހުރައިރަތުގެފާނަށް ދެއްވެވި ޚާއްޞަ ބާރެއްގެ ސަބަބުންނެވެ.
ޙަދީޘްފުޅުގައި އޮންނަނީ އަބޫހުރައިރަތުގެފާނު ހުންނެވީ ޒަކާތަށް އެއްކުރެވިފައިވާ މުދާ ބެލެހެއްޓެވުމާއި ހަވާލުވެވަޑައިގެން ކަމަށެވެ. އަދި އެގޮތަށް ހުންނަވަނިކޮށް ރޭގަނޑު ފަޤީރެއްގެ ހެދުމުގައި ވަރަށް ބޮޑު ފަޤީރަކަށް ހެދިގެން އައިސް ޒަކާތުގެ މުދަލުން ވައްކަން ކުރަން އުޅެނިކޮށް އަބޫހުރައިރަތުގެފާނު އަތުލައިގެންނެވީ ކަމަށެވެ. އެކަމުން އަބޫހުރައިރަތުގެފާނަށް ވަރަށް ބޮޑު ސިހުމެއްވެސް ލިބިވަޑައިގެންނެވިއެވެ. އެއީ ޒަކާތު މުދަލުން ވައްކަން ކުރާނީ ކޮންފަދަ ނުބައި ކާކު ކަމާއިމެދުގައި ސުވާލު އުފެދުމުންނެވެ.
ކޮންމެ އަކަސް އިބިލީސް އަތުލައި ގެންނެވުމަށްފަހު ރަސޫލް (ޞޢވ)ގެ އަރިއަހަށް ގެންދަވަން އުޅުއްވުމުން އޭނާއަކީ ވަރަށް ނިކަމެތި ހާލުގައި ޢާއިލާގެ ގިނަ ބައަކު ގޮވައިގެން ދިރިއުޅެންޖެހފައިވާ މީހެއްކަމަށާއި ވައްކަން ކުރެވުނީ މަޖުބޫރުވެގެން ކަމަށް ބުނެ އަބޫހުރައިރަތުގެފާނުގެ އަރިއަހުގައި ދެން ވައްކަން ކުރަން ނުއަންނާނެ ކަމަށް ދަންނަވައި ސަލާމަތްވެގެން ފިލީއެވެ.
އަބޫހުރައިރަތުގެފާނު ހެނދުނު ވަޑައިގެން ރަސޫލް (ޞޢވ) އަށް އެކަމުގެ ވާހަކަތައް ދެންނެވިއިރުވެސް އިތުރު އެކަލޭގެފާނަށް ވަނީ އެނގިވަޑައިގެންފައެވެ. އެހެނީ އެކަމުގެ ވާހަކައިން ފުރަތަމަ ސުވާލު ކުރެއްވެވީ އިތުރު އެކަލޭގެފާނެވެ.
ކަންހިނގައިދިއަ ގޮތުގެ ވާހަކަތައް ދެންނެވުމުން ރަސޫލް (ޞޢވ) ހަދީޘް ފުޅު ކުރެއްވެވީ އޭނާ އެ ހެދީ ދޮގެއް ކަމަށާއި އޭނާ އެނބުރި އަންނާނެ ކަމަށެވެ.
ރަސޫލް (ޞޢވ) ގެ ބަސްފުޅުތައް ތެދުވާނެކަން އެނގިވަޑައިގަންނަވާތީ އަބޫހުރައިރަތުގެފާނު ދެވަނަ ރޭ ހުންނެވީ އިތުރަށް ސަމާލުކަން ދެއްވަވައިގެންނެވެ. އެރޭ ވެސް ކަންތައްވީ ހަމަ ކުރީ ރޭ ފަދައިންނެވެ. އެރޭވެސް ހަމަ އެސިފައިގައި ހުރެ އައިސް ވައްކަން ކުރީއެވެ. އަތުލައިގަތުމުން ހަމަ ކުރީރޭ ދެއްކި ބަހަނާތައް ދެއްކުމަށްފަހު ސަލާމަތްވެގެން ފިލީއެވެ.
ދެވަނަ ދުވަހު ފަތިހު ވެސް އަބޫހުރައިރަތުގެފާނު ރަސޫލް (ޞޢވ)ގެ އަރިއަހަށް ވަޑައިގެންނެވުމުން ފުރަތަމަވެސް ސުވާލު ކުރެއްވެވީ ހަމަ ކުރީ ދުވަހު ފަދައިންނެވެ. އަދި އަބޫ ހުރައިރަތުގެފާނު ޖަވާބު ދެއްވެވީވެސް ހަމަ ކުރީ ދުވަސް ފަދައިންނެވެ. އެދުވަހުވެސް ރަސޫލް (ޞޢވ) ޙަދީޘްފުޅު ކުރެއްވެވީ އޭނާއަކީ ދޮގުވެރިއެއް ކަމަށާއި އެނބުރި އަންނާނެ ކަމަށެވެ.
ތިންވަނަ ރޭ އަބޫ ހުރައިރަތުގެފާނު ހުންނެވީ އޭނާ އަތުލައި ގަނެ ރަސޫލް (ޞޢވ)ގެ އަރިއަހަށް ގެންދެވުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވަވައިގެންނެވެ. އެރޭވެސް ކަންތައް މެދުވެރިވީ ހަމަ ކުރީ 2 ރޭ ފަދައިންނެވެ.
އެ ރޭ އިބިލީސް ސަލާމަތްވާން ބޭނުންކުރީ އިތުރު އުކުޅެކެވެ. އަބޫ ހުރައިރަތުގެފާނަކީ ކަންކަން ދަސްފުޅުކުރައްވަން ވަރަށް ބޮޑަށް ޝައުޤްވެރިވެވަޑައިގަންނަވާ ބޭފުޅެއްކަން އެނގޭތީ ޚާއްޞަކަމެއް ދަސްކޮށްދިނުމަށްފަހު ފިލީއެވެ.
ހެނދުނު އަބޫހުރައިރަތުގެފާނު ވަޑައިގެން ރަސޫލް (ޞޢވ) އަށް އެރޭ ކަންތައް ހިނގައިދިއަގޮތުގެ ވާހަކަ ދެންނެވިއެވެ. އަދި ޢެނާ ބުނެދިން ކަންތައްވެސް ބަޔާންކޮށް ދެއްވެވިއެވެ. އެއީ ރޭގަނޑު ނިދުމުގެ ކުރިން އާޔަތުލްކުރުސި ކިޔަވައިފިނަމަ އެމީހަކު ނިދިން ހޭލަންދެން އެމީހަކު ހިމާޔަތްކޮށް ދެއްވެވުމަށް ﷲ ތަޢާލާ ބެލެނިވެރިއަކު ބަހައްޓަވާނެ ކަމެވެ. އަދި އެ ވަގުތުގައި (ނިދިން ހޭލަންދެން) ޝައިޠާނާއަށް އެމީހަކާއި ކައިރި ނުވެވޭނެ ކަމެވެ.
ރަސޫލް (ޞޢވ) ޙަދީޘްފުޅު ކުރެއްވެވިއެވެ. "އޭނާ އަކީ ދޮގުވެރިއެކެވެ. ނަމަވެސް މިފަހަރު ތިއަ ބުނީ ތެދެކެވެ." އެއަށްފަހު ފާއިތުވި 3 ރޭ ތިއަ ބައްދަލުވީ ކާކާއިކަން ނުވަތަ ތިއަ އަތުލައިގަނެވުނީ ކާކުކަން އެނގިވަޑައިގަންނަވާތޯ ސުވާލުކުރެއްވުމުން އެނގިވަޑައި ނުގަންނަވާ ކަމަށް އަބޫހުރައިރަތުގެފާނު ދެންނެވިއެވެ. ރަސޫލް (ޞޢވ) ޙަދީޘްފުޅު ކުރެއްވެވީ އެއީ ޝައިތާނާ، އިބިލީސް ކަމަށެވެ. އެހެންކަމުން އަބޫހުރައިރަތުގެފާނު ވެވަޑައިގެންފައިވަނީ 3 ފަހަރުމަތިން އިބިލީސް އަތުލުއްވައި ގެންނެވުނު ބޭކަލަކަށެވެ.
އިބިލީސް އެގޮތަށް އެބުނީ އެނާގެ ތަޖުރިބާއިން ކަމަށް ބެލެވެއެވެ. އެހެނީ ކުރުސި ކިޔައިގެން ނިދާ މީހުންނާއި އިބިލީހަށް ކައިރި ނުވެވޭކަން އިބިލީހަށް ރަނގަޅަށް އެނގޭނެއެވެ. އެކަން މީސްތަކުންނަށް ރަސޫލް (ޞޢވ) އަދި އެއިރު ބަޔާންކޮށް ނުދެއްވަވާތީ މީސްތަކުންނަށް ނުއެނގި އޮތީއެވެ.
ވީމާ ގިނަގިނައިން ކުރުސި ކިޔަވާށެވެ! ޝައިޠާނާގެ ކިބައިން ރައްކައުތެރިކަން ލިބޭނެއެވެ. ޚާއްޞަކޮށް ނިދަން އޮށޯތުމަށްފަހު ކޮންމެހެން ވެސް ކިޔަންވާނެއެވެ. ނިދީން ހޭލަންދެން އެމީހެއްގެ ހިމާޔަތުގައި ﷲ ތަޢާލާ ގާޑަކު ބައްޓަވައި ދެއްވަވާނެތެވެ. ވީމާ އިބިލީހަށް ޖެހޭނީ ހަމަ ދުރުގައި މަޑުން ހުންނާށެވެ.