ތުރުކީއަކީ އެންމެ ގިނަ އަދަދެއްގެ ރިފިޔުޖީން ބަލަހައްޓާ ޤައުމެވެ. ގާތްގަނޑަކަށް 4 މިލިއަން ރިފިޔުޖީން ތުރުކީގައި ތިބިއިރު އެއިގެ ތެރެއިން 3.6 މިލިއަން ރިފިޔުޖީންނަކީ އަވަށްޓެރި ސީރިޔާގެ ރައްޔިތުންނެވެ.
މީގެ ތެރެއިން 40 އިންސައްތަ މީހުންނަކީ ވަރަށް ނިކަމެތި ޙާލުގައި ތިބި މީހުންނެވެ. އެމީހުންނަށް ޔޫރަޕިއަން ޔޫނިއަނުންނާއި ބައެއް އެހެން ޤައުމުތަކުގެ އެހީތެރިކަންވެސް ދަނީ ފޯރުކޮށްދެމުންނެވެ. އެމީހުންނަށް އެހީގެ ގޮތުގައި ފޮނުވާ ފައިސާ ތަންކޮޅެއް ފަސޭހައިން ލިބޭނެ އިންތިޒާމުތައް މިހާރު ވަނީ ހަމަޖައްސައިފައެވެ.
އެހެން ޤައުމުތަކުގައި ތިބި ރިފިޔުޖީން ފަދައިން ތުރުކީގައި ތިބި ރިފިޔުޖީންނަށްވެސް ހައިހޫނުކަމުގެ މައްސަލަތައް ވަނީ ކުރިމަތިވެފައެވެ. ބައެއް ރިޕޯޓްތައް ބުނާ ގޮތުން 76 އިންސައްތަ ރިފިޔުޖީންނަށް ހައިހޫނުކަމުގެ މައްސަލަތައް ވަނީ ކުރިމަތިވެފައެވެ.