ދުނިޔޭގައި ބާއްވާ ކޮންމެ ބައްދަލުވުމެއްގައި ވެސް ކަޝްމީރުގެ އަޑު އުފުލާނެ ކަމަށް ޕާކިސްތާނުން ވެފައިވާ ވައްދު ފުރަތަމަ ފުއްދީ ރާއްޖަގައި ކަމަސް ވެއްޖެއެވެ.
އިއްޔެ މަޖިލީހުގައި ކުރިއަށް ގެންދިއަ ދެކުނު އޭސިއާ ޤައުމުތަކުގެ މަޖިލިސްތަކުގެ 4 ވަނަ ބައްދަލުވުމުގައި ޕާކިސްތާނުން ވަނީ ކަޝްމީރު މައްސަލައިގައި އަޑު އުފުލައިފައެވެ.
މަޖިލީހުގައި ތަގުރީރު ކުރައްވަމުން ޕާކިސްތާނުގެ ނޭޝަނަލް އެސެމްބްލީގެ ނައިބު ރައީސް މުހައްމަދު ގާސިމް ޚާން ސޫރީ އިއްޔެ ވިދާޅުވީ ކަޝްމީރުގައި ތިބި މުސްލިމުން ތިބީ ހައްދެއް ނެތް އަނިޔާގެ ޝިކާރައަކަށް ވެފައި ކަމަށް އެހެންކަމުން ދުނިޔޭގެ ކަންކޮޅުތަކުގައި އެއްވެސް ހައްދެއް، އިމެއް ނެތި އަނިޔާ ލިބެމުންދާ ބައަކަށް ކަޝްމީރުގެ ރައްޔިތުން މިއަދު ހަދާފައިވާ ކަމަށެވެ.

މުހައްމަދު ގާސިމް ޚާން ސޫރީ ވިދާޅުވީ އަމަން އަމާންކަން ދެމެހެއްޓުމުގެ ވާހަކަ ދައްކާނަމަ ފަލަސްތީނުގައި ތިބި މުސްލިމުންނާއި، ރޮހިންޔާ މުސްލިމުންނާއި ކަޝްމީރު ރައްޔިތުންގެ ހާލަތު ނުފެންނަ ކަމަށް ނުހެދޭނެ ކަމަށެވެ.
އެހެންކަމުން އެ އެންމެންގެ މައްސަލަތަކުގެ އަޑުތައްވެސް އުފުލަން ޖެހޭނެ ކަމަށެވެ.
ޕާކިސްތާނު ވަފުދުން ވާހަކަ ދައްކަން ފެށުމުން އިންޑިއާއިން ނިޒާމީ ނުކުތާ ނަގައި ވާހަކަތަކަސް ހުރަށް އަޅަން މަސައްކަތްކުރިއެވެ. ނަމަވެސް ޕާކިސްތާނުގެ ވަފުދުން ވަނީ ނިޒާމީ ނުކުތާއަށް ފުރުޞަތު ނުދީ ވާހަކަތައް ކުރިއަށް ގެންގޮސްފައެވެ.
އެ ވަގުތު ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވި ރާއްޖޭގެ މަޖިލިސް ރައީސް ރައީސް މުޙައްމަދު ނަޝީދު އަޑުފުޅަށް ވަރަށް ބާރުލައްވައި ޖަލްސާ ކުރިއަށް ގެންދަވަނީ ނިޒާމެއްގެ ދަށުން ކަމަށް ވިދާޅުވުމުން ޕާކިސްތާނު ވަފުދުން ބުނަމުން ބުނަމުން ދިއައީ "އާދެ! މަސާހިބާ! މަނިކުފާނުގެ އަޑު ވެސް އިވެއޭ! އެކަމަކު އަޅުގަނޑުމެން ވާހަކަ މިދައްކަނީވެސް ނިޒާމެއްގެ ތެރެއިންނޭ އިނގޭތޯ!"
ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާން ހޮނިހިރު ދުވަހު ވަނީ ދުނިޔޭގެ ކޮންމެ ތަނެއްގައި ކޮންފަރެންސެއް ބޭއްވި ނަމަވެސް އެ ކޮންފަރެންސެއްގައި ކަޝްމީރުގެ މައްސަލައިގައި އަދޫ އުފުއްލަވާނެ ކަމަށް ވިދާޅުވެ ވައުދުވެވަޑައިގެންފައެވެ.