ނައިބު ރައީސް އާރކްގެ އިސްވެރިންނާ ބައްދަލުކުރައްވައި މަޝްވަރާކުރައްވައިފި

ކިޔުމަށް ހޭދަވާނީ 1މ 55ސ
ނައިބު ރައީސް އާރކްގެ އިސްވެރިންނާ ބައްދަލުކުރައްވައި މަޝްވަރާކުރައްވައިފި

ނައިބު ރައީސް ފައިޞަލް ނަސީމް، ކުޑަކުދިންގެ ޙައްޤުތަކަށް މަސައްކަތްކުރާ ޖަމުޢިއްޔާއެއް ކަމުގައިވާ "އެޑްވޮކޭޓިންގ ދަ ރައިޓްސް އޮފް ޗިލްރަން"، އާރކްގެ އިސްވެރިންނާ ބައްދަލުކުރައްވައި މަޝްވަރާކުރައްވައިފިއެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުވުމުގައި އާރކްގެ ފަރާތުން ވަނީ އެ ޖަމްޢިއްޔާއިން ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމަށާއި އެކަންކަމާމެދު ހޭލުންތެރިކަން އިތުރުކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތަފްޞީލުތައް ރަނައިބު ރައީސް ޙިއްޞާކުރައްވާފައެވެ.

މީގެ އިތުރުން ކުޑަކުދިންގެ ހިޔާއާ ފިޔަވަތީގައި ތިބޭ ކުޑަކުދިންނަށް އާރކްގެ ފަރާތުން ޕްރޮގްރާމްތައް ހިންގައިދިނުމުގެ ޝައުޤުވެރިކަން އާރކްގެ އިސްވެރިން ފާޅުކުރެއްވިއެވެ. މީގެ އިތުރުން ކުޑަކުދިންގެ ޙައްޤުތައް ކުރިއަރުވައި ރައްކާތެރިކުރުމުގެ ދާއިރާއިން ހުރި ބައެއް ކަންބޮޑުވުންތައް ވެސް އާރކް ޖަމްޢިއްޔާގެ އިސްވެރިން ނައިބު ރައީސް ޙިއްޞާކުރެއްވިއެވެ.

މި ބައްދަލުވުމުގައި ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި މުޖުތަމަޢުގައި ތިބި ޚާއްޞަ އެހީތެރިކަމަށް ބޭނުންވާ ފަރާތްތަކާ އަދި ވަކިން ޚާއްޞަކޮށް ކުޑަކުދިންގެ ޙައްޤުތަކާމެދު ޢާންމުންގެ ހޭލުންތެރިކަން އިތުރުކުރުމަށް އާރކް ޖަމްޢިއްޔާއިން ކުރައްވަމުން ގެންދަވާ މަސައްކަތްތައް ފާހަގަކުރައްވައި އެ ޖަމްޢިއްޔާގެ އިސްވެރިންނަށް ޝުކުރު އަދާކުރެއްވިއެވެ.

އަދި މި ދާއިރާތަކުން ހޭލުންތެރިކަން އިތުރުކުރުމުގައާއި އެހީތެރިކަން ފޯރުކޮށްދިނުމުގައި ހަރަކާތްތެރިވާ ޖަމްޢިއްޔާ ޖަމާޢަތްތަކުގެ ދައުރުގެ މުހިންމުކަން ފާހަގަކުރައްވައި އެހީތެރިކަން ފޯރުކޮށްދެއްވުމަށް އެދޭ އެފަދަ ހުރިހާ ފަރާތްތަކަށްވެސް ސަރުކާރުން މަގުފަހިކޮށްދެއްވަމުން ގެންދަވާނެ ކަމުގެ ޔަޤީންކަން ދެއްވިއެވެ. މީގެ އިތުރުންވެސް އިޖްތިމާޢީ ކަންކަމުގައި ހޭލުންތެރިކަން އިތުރުކުރުމާއި ވަކިން ޚާއްޞަކޮށް ކުޑަކުދިންގެ ކަންކަމުގައި ޚާއްޞަ ސަމާލުކަމެއްދޭންޖެހޭކަން ނައިބު ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

'އާރކް' ޖަމްޢިއްޔާ އަކީ ރާއްޖޭގެ ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމާއި، ކުޑަކުދިންގެ ޙައްޤުތައް ކުރިއަރުވައި، ކުޑަކުދިންގެ ޙައްޤުތަކާމެދު ޢާންމުންގެ ހޭލުންތެރިކަން އިތުރުކުރުމަށް މަސައްކަތް ކުރާ ރާއްޖޭގެ އަމިއްލަ ޖަމްޢިއްޔާއެކެވެ.

މިއަދު އޮންލައިން