އަލިފާނުގެ ހާދިސާގައި އަސަރުކުރި ސަރުކާރު މުވައްޒަފުންނަށް އެއްމަސް ދުވަހުގެ ޗުއްޓީއެއް!

ކިޔުމަށް ހޭދަވާނީ 1މ 17ސ
އަލިފާނުގެ ހާދިސާގައި އަސަރުކުރި ސަރުކާރު މުވައްޒަފުންނަށް އެއްމަސް ދުވަހުގެ ޗުއްޓީއެއް!

މިދިޔަ ހުކުރު ދުވަހުގެރޭ މާލޭގައި ހިނގި އަލިފާނުގެ ޙާދިސާގައި އަސަރުކުރި ސިވިލް ސަރވިސްގެ މުވައްޒަފުންނަށް އެއްމަސް ދުވަހުގެ ޗުއްޓީއެއް ދިނުމަށް އެކޮމިޝަނުން ނިންމައިފިއެވެ.

 

ސިވިލް ސަރވިސް ކޮމިޝަނުން ޢާއްމުކުރި ނޫސްބަޔާނެއްގައި ވިދާޅުވީ ސިވިލް ސަރވިސް މުވައްޒަފުންގެ ތެރެއިން މިޙާދިސާގައި ގެއްލުން ވި ފަރާތްތަކަށް އެ މަސްދުވަހުގެ ޗުއްޓީއެއް ދޭން ނިންމީ އެ އެފަރާތްތަކުން ޢާއްމު ޙާލަތަށް އައުމަށް އެހީތެރިވުމުގެ ގޮތުންކަމަށެވެ.

 

ސިވިލް ސާރވިސް ކޮމިޝަނުން ބުނީ ޗުއްޓީ ބޭނުންވާ ފަރާތަކުން އެފަރާތެއް މަސައްކަތްކުރާ މުވައްސަސާއަކަށް އެންގެވުމުން ޗުއްޓީގެ ކަންކަން ހަމަޖެހިގެންދާނެކަމަށެވެ.

 

ކެމިކަލް ރައްކާކޮށްފައިވާ ގުދަނެއްގައި މިދިޔަ ހުކުރު ދުވަހުގެރޭ ރޯވި އަލިފާންގަނޑު ފެތުރިގެން ގޮސް 4 ގުދަނަކާއި 6 ގެއެއް އެއްކޮށް އަނދާ ހުލިވެ އެކަކު ވަނީ މަރުވެފައެވެ. އަދި މި ހާދިސާ އާއި ގުޅިގެން 400އަށް ވުރެ ގިނަ މީހުންނަށްވަނީ އަސަރުކޮށްފައެވެ. އެންޑީއެމްއޭއިން ކަލާފާން ސްކޫލްގައި ޤާއިމުކޮށްފައިވާ ވަގުތީ ހިޔާ ކޭމްޕުގައި 13 ޢާއިލާއަކުން 83 މީހުނަށް އަންނަނީ ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދެމުންނެވެ.

 

އަބަދަށް ފެހި މަގުގައި ހިނގި މި ހާދިސާއަށްފަހު އެ ސަރަހައްދުގައި ހުރި ހުރިހާ ގެއެއް ހުސްކޮށް އެ ސަރަހައްދު ސާފުކުރުމުގެ މަސައްކަތް ސިފައިން އަންނަނީ ކުރަމުންނެވެ. އަދި މި ހާދިސާގައި އަލިފާނުގެ އަސަރުކުރި އިމާރާތްތަކަށް މީހުން ވަނުމުގެ ހުއްދަދޭނީ ހަދަންޖެހޭ އެސެސްމަންޓްތައް ހެދުމަށް ފަހު ކަމަށް ހައުސިން މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

މިއަދު އޮންލައިން