"އަޅުގަނޑު ދައްކާ ވާހަކައެއްގެ ސަބަބުން ނަމަވެސް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރު ވައްޓާލަން ރާވާ ރޭވުންތަކާއި ކުރާ މަސައްކަތްތައް ހުއްޓުވިއްޖެނެމަ އެއީ ލިބިވަޑައިގަންނަވާ ވަރަށް ބޮޑު އުފާފުޅެއް ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
ޖުމްހޫރީ ޕާޓީ އާއި ބައެއް މެންބަރުން ގުޅުމަށް ގުޅުމަށް މިރޭ މ. ކުނޫޒުގައި ބޭއްވި ބައްދަލުވުމުގައި ޤާސިމް އިބްރާހީމް މިރޭވެސް ވިދާޅުވީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވެރިކަން މި 5 އަހަރު ދެމެހެއްޓުމަށް ދެއްވަން ޖެހޭ ހުރިހާ އެއްބާރުލުމެއް ދެއްވަމުން ގެންދަވާނެ ކަމަށާއި ޚިޔާލުތަފާތުވާ ކަންކަމުގައި ވިދާޅުވަން ޖެހިވަޑައިގަންނަވާ ބަސްފުޅު ވިދާޅުވަމުން ގެންދަވާނެ ކަމަށެވެ. ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތަށް ކަންކަން ކުރިއަށް ގެންދިއުމަށް އަބަދުވެސް ވަކާލާތު ކުރައްވާނެ ކަމަށެވެ.
ޤާސިމް އިބްރާހީމް ވިދާޅުވީ ރާއްޖޭގެ މާޒީއަށް ބެލި ނަމަވެސް އެއް އުރައިގައި ދެކަނޑިއަކަށް ނުއޮވެވޭނެކަން ވަނީ ފެނިގެން ގޮސްފައި ކަމަށާއި އަދިވެސް އެކަން ދެމި އޮންނާނީ އެގޮތަށް ކަމަށެވެ. އަދި ބައަކު ސަރުކާރު ބަދުނާމުކޮށް ވެރިކަން ބަދަލުކުރަން މަސައްކަތްކުރި ނަމަވެސް އެކަން ނުކުރެވޭނެ ކަމަށެވެ. އަދި ބަރުލަމާނީ ނިޒާމަކީ ރައްޔިތުންނަށް ފައިދާހުރި ނިޒާމެއް ނޫން ކަމަށާއި ބަރުލަމާނީ ނިޒާމް ރައްޔިތުން ބަލައި ނުގަންނާނެ ކަމަށެވެ. އެހެންކަމުން ރާއްޖެއަށް ބަރުލަމާނީ ނިޒާމް ނުގެނެވޭނެ ކަމަށެވެ.
ޤާސިމް އިބްރާހީމް ވިދާޅުވީ ޑިމޮކްރަސީގެ ތެރެއިން ފުރިހަމަ ވެރިކަމެއް ކުރެވޭނީ ރައްޔިތުންގެ އަޑު އުފުލާނެ ގިނަ ޕާޓީތަކެއް އޮވެގެން ކަމަށާއި ގިނަ ޕާޓީތަކެއް އޮތުމުން އެކަމުގެ ފައިދާ މިހާރުވެސް ރައްޔިތުންނަށް ދަނީ ކުރަމުން ކަމަށެވެ. ޖުމްހޫރީ ޕާޓީއަކީވެސް އެންމެ ކުރީކޮޅުގައި އުފެދުނު ޕާޓީއެއް ކަމަށާއި ޖުމްހޫރީ ޕާޓީ އަބަދުވެސް މަސައްކަތްކުރަނީ ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތަށް ކަމަށެވެ.
ޖުމްހޫރީ ޕާޓީގެ ހިންގުމަށް މިހާރުވެސް ބޮޑެތި ބަދަލުތަކެއް ގެނެސް ހިންގުމުގެ ނިޒާމް ފުރިހަމަ ޑިމޮކްރެޓިކް އުޞޫލުތަކަށް ފައްތާފައިވާކަންވެސް ޤާސިމް އިބްރާހީމް ވަނީ ފާހަގަކުރައްވައިފައެވެ.