ކަރެކްޝަނަލް ސާވިސްގެ އޮފިސަރުންނަކީ ކަންތައް ދިމާވާ ވަގުތު، ކެތްތެރިކަމާއެކު މަސައްކަތްކުރާ ބަޔަކަށްވާންޖެހޭ ކަމަށް މިނިސްޓަރ އޮފް ހޯމް އެފެއާޒް ޝެއިޚް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
ކަރެކްޝަންސްގެ އަހަރީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ ކަރެކްޝަނަލް ސާވިސްގެ ވަޒީފާއަކީ ހަމައެކަނި އާމްދަނީ ހޯދުމަށް އޮތް ވަޒީފާއެއް ކަމުގައި ދެކިގެން ނުވާނެ ކަމަށާއި އެއީ ވަރަށް އަގުހުރި ޚިދުމަތެއް ކަމަށެވެ.
"މިމުއައްސަސާގެ ނަމުން ވެސް ރަމްޒު ކޮށްދޭ ފަދައިން މިއީ ވަރަށް އަގުހުރި ޚިދުމަތެއް. ތިއިން ކޮންމެ އޮފިސަރަކީ ވެސް މުޖުތަމައުގެ ރައްކަތެރިކަމަށް ބަންދުކުރެވޭ ބަޔަކު އެމުޖުތަމައުއަށް ފައިދާއެއް ވާނެ ބަޔަކަށް ބަދަލުކުރުމަށް އެހީތެރިވެދޭ އާރުކާޓީއެއް" މިނިސްޓަރ އިމްރާން ވިދާޅުވިއެވެ.
މީގެއިތުރުން މިނިސްޓަރ ވަނީ، އިސްލާހު ކުރުމަށް މިސަރުކާރުން ހުށަހަޅާފައިވާ ކަންކަން މައުނަވީ ގޮތެއްގަ އިސްލާޙުކޮށް ދިނުމަށް ކަރެކްޝަންގެ މުވައްޒިފުންގެ ކިބައިން އެދިލައްވާފައެވެ.