ޕާކް ކޮށްފަހުރި އުޅަނދުތަކަށް ގެއްލުންދީ ވައްކަން ކުރަނީ!

ކިޔުމަށް ހޭދަވާނީ 1މ 25ސ
ޕާކް ކޮށްފަހުރި އުޅަނދުތަކަށް ގެއްލުންދީ ވައްކަން ކުރަނީ!

މާލޭގައި އެކި ސަރަހައްދުގައި ޕާކުކޮށްފައި ހުންނަ އުޅަނދުތަކަށް ގެއްލުންދެމުންދާތީ އެކަން ބަލާދިނުމަށް ދިވެހި ޑްރައިވަރުންގެ ޖަމިއްޔާއިން ގޮވާލައިފިއެވެ.

 

އެ ޖަމިއްޔާއިން ބުނީ މިދިޔަ ހަފްތާގެ ތެރޭގައި މާލޭގެ އެކި ސަރަހައްދުތަކުގައި ޕާކުކޮށްފައި އޮތް ފަސް ޓެކްސީއަކަށް އެކިވަރުގެ ގެއްލުންތައް ދީފައިވާކަމަށެވެ. އަދި މިކަމަކީ ސީދާ ޓެކްސީ ޑްރައިވަރުންނަށް އަމާޒުކޮށްގެން ކުރާކަމެއްކަމަށްވެސް އެ ޖަމިއްޔާއިން ތުހުމަތުކުރެއެވެ.

 

ދިވެހި ޑްރައިވަރުންގެ ޖަމިއްޔާއިން ވަނީ މިއަމަލުތައް ހިންގާ ބަޔަކު ހޯދާ އެ ފަރާތްތަކާއި މެދު ހަރުކަށި ފިޔަވަޅު އަޅާދިނުމަށް ފުލުހުންގެ ކިބައިން އެދިފައެވެ.

 

މޯލްޑިވްސް ޕޮލިސް ސާރވިސް އިން ވިދާޅުވީ މަގުމަތީ ޕާކުކޮށްފައި ހުންނަ ޓެކްސީތަކާއި އަމިއްލަ މީހުންގެ ކާރާއި ޕިކަޕްތަކުގެ ބިއްލޫރި ގަނޑު ތަޅާލައިގެން ވައްކަން ކުރާ މައްސަލަތައް ހުށައަޅާ މިންވަރު ފަހަކަށް އައިސް އިތުރުވެފައިވާކަމަށެވެ.

 

ފުލުހުން ވިދާޅުވީ ވެހިކަލްތަކަށް ގެއްލުންދީ ވައްކަން ކުރުން އިތުރުވެފައިވާތީ އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދާކަމަށެވެ. އަދި މި ފަދަ މައްސަލަތަކުގައި މީހުން ހައްޔަރުކޮށް މައްސަލަތައް ތަހުޤީޤުކުރަމުން އަންނަކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

 

މާލޭގެ ޕާކުރާނެ ޖާގަ ނެތުމުން ޕާކުކުރެވޭނެ އިންތިޒާމުތައް ދަނީ ހަމަޖައްސަމުންނެވެ. މިގޮތުން ހަތަރު ފުރޮޅުލީ އުޅަނދުތައް ފީ ދައްކައިގެން ޕާކުކުރެވޭނެ އިންތިޒާމު ދާދި ފަހުން ވަނީ ހަމަޖައްސާފައެވެ. މާލެއަށް އެެތެރެކުރާ ހަތަރު ފުރޮޅު ލީ އުޅަނދުތައް ޕާކުރާނެ ގަރާޖެއް ނެތި ރަޖިސްޓްރީ ނުކޮށްދޭ ގޮތަށް އޮންނަނީ ހަމަޖައްސާފައެވެ. އެހެންނަމަވެސް މާލޭގެ މަގުތަކުގައި ޕާކުކުރާ އުޅަނދުތަކުގެ އަދަދު އެއްދުވަހުން އަނެއް ދުވަހަށް އަންނަނީ އިތުރުވަމުންނެވެ.

މިއަދު އޮންލައިން