ސަރުކާރުގައި މަސައްކަތްކުރާ ކޮންމެ މީހަކު އެކުރަނީ އެމީހެއްގެ އޯނަޝިޕް އޮތް މަސައްކަތެއް ކަމަށް ކަމަސްވިދާޅުވެ ކުރާ މަސައްކަތުގައި ތެދުވެރިވުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް އެދިވަޑައިގެންފިއެވެ.
ވެލިދޫ ދާއިރާގެ ކުރީގެ މެންބަރު ޔާމީން ރަޝީދު އާއި އަދިވެސް ބައެއް ބޭފުޅުން ޖުމްހޫރީ ޕާޓީ އާއި ގުޅިވަޑައިގަތުމަށް ޕާޓީގެ މައި މަރުކަޒް މ. ކުނޫޒުގައި މިރޭ ބޭއްވި ބައްދަލުވުމުގައި ޤާސިމް އިބްރާހީމް މިމޭރުމުން ވިދާޅުވީ ސަރުކާރުގެ އިދާރާތަކުން ރައްޔިތުންނަށް ޚިދުމަތްދޭން ތިބޭ މުވައްޒިފުންނަކީ ތެދުވެރިކަމާއި އިޚްލާޞްތެރިކަމާއިއެކު ޚިދުމަތްދޭން ޖެހޭނެ ބައެއްކަން ފާހަގަކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

"ތިމާއަށް ލިބޭ މުސާރައިން އެމީހެއްގެ ބޭނުންތައް ފުއްދައި އަނބިދަރިންނަށް ކާން ބޯން ދިގެން ދިރިއުޅޭނަމަ އެމީހަކު އެކުރަނީ އެމީހެއްގެ މަސައްކަތް. އެއީ ސިވިލްސަރވިސްގެ މަސައްކަތެއް ނަމަވެސް އަމިއްލަ މީހެއްގެ މަސައްކަތެއް ނަމަވެސް އެއީ އޭނާގެ މަސައްކަތް. ސަރުކާރުގަ މަސައްކަތްކުރާ ކޮންމެ މީހަކު އެކުރަނީ އެމީހެއްގެ އޯނަޝިޕް އޮތް މަސައްކަތެއް. ވީމާ އެމީހެއްގެ އަމިއްލަ މަސައްކަތަށް އެމީހަކު ފަރުވާކުޑަކުރާނަމަ ކާކުތޯ އައިސް އެކަން ރަނގަޅަށް ކޮށްދޭނީ؟ އެހެންވީމާ އެވާހަކަ އެގޮތަށް ކޮންމެ މީހަކުވެސް އެބަ ދައްކަން ޖެހޭ."
ޤާސިމް އިބްރާހީމް ވިދާޅުވީ ސިވިލްސަރވިސްގެ މުވައްޒިފަކަށްވުމުން އެމީހަކު ބޭނުންހައި ގޮތަކަށް އުޅުނު ނަމަވެސް ވަޒީފާއިން ވަކިނުކުރެވޭނެކަމަށް ބައެއް މީހުން ޤަބޫލުކުރާ ކަމަށާއި އެއީ ވަރަށް ބޮޑު ގޯހެއް ކަމަށެވެ. "އެމީހުންނަކީ ވެސް ހެދިފަހުރި ޤާނޫނުތަކާ ޤަވާއިދުތަކުގެ ބޭރުން ކަންކަން ކުރާނަމަ ކަނޑައިވެސް ލެވޭނެ ބައެއް. ވަކިވެސް ކުރެވޭނެ ބައެއް. ޤާނޫނުތަކާއި ތަކުގެ އިމުން ބޭރުވާނަމަ އެމީހަކު ބޭރުވެސް ކުރާނެ. ބޭރު ކުރަންވެސް ޖެހޭނެ." ކަމަށާއި މިއީ ކަން އޮތް ގޮތް ކަމަށެވެ. އަދި ކަން އޮތް ގޮތާއި ޚިލާފަށް ވާހަކަ ދައްކާނަމަ އެކަމުގެ މަލާމާތް ރައްދުވާނީ ވެސް އެމީހަކަށް ކަމަށެވެ.
ޤާސިމް އިބްރާހީމް ވިދާޅުވީ ރައްޔިތުންނަށް ސަރުކާރުން ފޯރުކޮށްދޭން ޖެހޭ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އަންގަވާނީ އެތަނެއްގައި ތިއްބަވާ ސިޔާސީ ވެރިންނަށް ކަމަށެވެ. އެހެންކަމުން ޚިދުމަތުގެ ފެންވަރު މަތިކުރައްވައި ކަންކަން އިޞްލާޙްކުރަން މަސައްކަތް ކުރައްވާނީ ސިޔާސީ ބޭފުޅުން ކަމަށާއި އެބޭފުޅުންނަށް އެއްބާރުލުން ދޭން ޖެހޭނެ ކަމަށެވެ. އަދި ޚިދުމަތުގެ ފެންވަރު މަތިކުރައްވައި ކަންކަން އިޞްލާޙްކުރައްވަން މަސައްކަތްކުރެއްވުމަކީ ސިޔާސީ ބޭފުޅުންގެ މަސްއޫލިއްޔަތެއް ކަމަށެވެ. އެހެންކަމުން ބައަކު ފާޑުކީ ނަމަވެސް އެމަސައްކަތް ސިޔާސީ ބޭފުޅުން ކުރައްވާނެ ކަމަށެވެ.
- ޤާސިމް އިބްރާހީމްގެ ވާހަކަފުޅު (އޯޑިއޯ):