މާލޭގައި ގަވާއިދާ ޚިލާފަށް ވެހިކަލް ޕާކްކުރާ ތިންސަރަހައްދަކުން ޚާއްސަ ސަމާލުކަމެއްދީގެން ވެހިކަލް ޓޯ ކުރަންފަށާނެކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނެފައިވަނީ ގަވާއިދާ ޚިލާފަށް ޕާކުކުރުން އާންމުވެފައިވާ މި ސަރަހައްދުތަކަކީ ބޮޑުތަކުރުފާނު މަގުގެ ހުޅުމާލެ ފެރީ ޓާމިނަލް ހިސާބުން ފެށިގެން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ޑޮލަރު އޭޓީއެމް އާ ދެމެދާއި އަމީނީ މަގުގެ ބީއެމްއެލް ކަސްޓަމާ ސާވިސް ސެންޓަރު ސަރަހައްދު އަދި ކަނބާއައިސާ ރަނި ހިނގުމުގެ އައިޖީއެމްއެޗް ސަރަހައްދު ކަމަށެވެ.
މިސަރަހައްދުތަކުގައި ގަވާއިދާ ޚިލާފަށް ޕާކުކޮށްފައި ހުންނަ ވެހިކަލްތަކަށް ޚާއްސަ ސަމާލުކަމެއް ދީގެން ޓޯ ކުރަން ފަށާނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މާލެއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ ޕާކިން ޒޯންތަކަށް ވުރެ ވެހިކަލްތައް ގިނަ ވުމެވެ. ސަރުކާރުން ވަނީ ޕާކިންގެ މައްސަލަ ހައްލު ކުރުމަށް ޕާކިން ޒޯންތައް ހަދަމުންނެވެ.