ދާދިފަހުން ޓެރަރިޒަމްގެ ޤާނޫނަށް ގެނައި އިޞްލާޙްތަކުގައި އިސްލާމް ދީން އުނގެނި، ފެތުރުމަށް ހުރަސް އެޅޭނެ އެއްވެސް ކަމެއް ނެތް ކަމަށް ހޯމް މިނިސްޓަރު ޝައިޚް އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝައިޚް އިމްރާން ވިދާޅުވީ އިސްލާމް ދީނުގެ ކަންކަން ކުރިއަރުވަން ދީނީ ޢިލްމުވެރިން ކުރައްވަން ބޭނުންފުޅުވާ އެއްވެސް މަސައްކަތަކަށް ޓެރަރިޒަމްގެ ޤާނޫނުގެ ދަށުން އެއްވެސް ހުރަހެއް ނުއޮންނާނެ ކަމަށެވެ.
ހޯމް މިނިސްޓަރު މިފަދަ ޔަޤީންކަމެއް ދެއްވާފައި މިވަނީ ޓެރަރިޒަމްގެ ޤާނޫނަށް ގެނައި އިޞްލާހްތަކުގެ ސަބަބުން ރާއްޖޭގެ ދީނީ ޢިލްމުވެރިންގެ މަސައްކަތްޕުޅުތަކަށާއި ދީނީ ޢިލްމު އުނގަންނައިދިނުމަށް ގޮންޖެހުނަތަކެއް އެބަހުރިކަން ގިނަ ބައަކު ފާހަގަ ކޮށް ކަންބޮޑުވުން ފައުޅުކުރަމުން ގެންދާ ވަގުތެއްގައެވެ.
ޝައިޚް އިމްރާން ވިދާޅުވީ ޓެރަރިޒަމާއި ޓެރަރިސްޓް ޖަމާއަތްތަކަށް ހިތްވަރު ލިބޭނެ ގޮތަށް ކަންކަން ހާމަކުރާނަމަ އެކަން ކުރާ މީޑިއާއެއް ނުވަތަ ފަރާތެއް ޓެރަރިޒަމްގެ ޤާނޫނުގެދަށުން ކުށްވެރިވާނެ ކަމަށެވެ. އެފަދަ ފަރާތްތަކާއިމެދު އަޅަން ޖެހޭ ފިޔަވަޅުތައް ފުލުހުން އަޅާނެ ކަމަށެވެ.