މޯލްޑިވްސް އިމިގްރޭޝަންގެ ބެލުމުގެ ދަށުގައި ހުރި ޔަމަންގެ ރައްޔިތެއް ކަމަށްވާ ޔާސިރު ޔަޙްޔާ އަކީ ޓެރަރިޒަމާއި ގުޅުންހުރި މީހެއް ކަމަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
މިހާރު އިސްކަންދަރު ކޯށީގައި ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ ޔާސިރް ޔަޙްޔާ އިމިގްރޭޝަންގެ ބެލުމުގެ ދަށުގައި ހުންނަން ޖެހިފައިވަނީ ރާއްޖެ ދޫކޮށް ދިޔުމަށް އެންގުމުން ވެސް އެކަމަށް އިންކާރު ކުރަމުންދާތީ ކަމަށެވެ.
2017 ވަނަ އަހަރުން ފެށިގެން ޔާސިރު އިމިގްރޭޝަންގެ ބެލުމުގެ ދަށުގައި ހުރީ އޭނާގެ އަމިއްލަ އިޚްތިޔާރުގައި ކަމަށް މައުލޫމާތު ދެއްވަމުން ހޯމް މިނިސްޓަރ ވިދާޅުވީ ޔާސިރާއި ޓެރަރިޒަމާއި ގުޅުން ހުރިކަން ބައިނަލްއަގުވާމީ މީޑިއާގައި ވެސް ފެންނަން ހުރި ކަމަށެވެ. އޭނާއާއިބެހޭ މައުލޫމާތު ފުލުހުންނަށް ލިބި އިމިގްރޭޝަނަށް އެކަން އެންގުމުން، ކޮންޓްރޯލާއަށް ލިބިވަޑައިގެންފައިވާ ބާރުގެ ދަށުން ޔާސިރު ރާއްޖެ ދޫކޮށް އެންގުމުން، އޭނާ އަމިއްލައަށް ޕާސްޕޯޓް ފޮރުފައި، އެނބުރި ޔަމަނަށް ދާން ޔާސިރު އިންކާރުކުރި ކަމަށް ވެސް ހޯމް މިނިސްޓަރ ވިދާޅުވިއެވެ.
ޕޮލިސް ކޮމިޝަނަރ މުޙައްމަދު ހަމީދާއި ޗީފް ސުޕަރިންޓެންޑެންޓް ބަޝީރާއެކު ކުރިއަށް ގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ހޯމް މިނިސްޓަރ ވިދާޅުވީ، ޔާސިރު ފުރައިގެންދާން ބޭނުންވާނަމަ މިހާރުވެސް އެކަން ފަހިކޮށްދޭނެ ކަމަށެވެ.