ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ޤާނޫނުގެދަށުން އިސްލާމް ދީނާއި ދެކޮޅު މީހުން ކުރާ ކަންކަމަށް ފިޔަވަޅު އެޅެން ޖެހޭނެ ކަމަށާއި އަޅާނެ ފިޔަވަޅުތަކާއި ފިޔަވަޅު އަޅާނެ ގޮތް އެ ޤާނޫނުގައި ބަޔާން ކުރެވެން ޖެހޭނެ ކަމަށް ހޯމް މިނިސްޓަރު ޝައިކް އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޝައިޚް އިމްރާން ޢަބްދުﷲ ވިދާޅުވީ އިސްލާމް ދީނުގެ ނަމުގައިވެސް އަދި ދީނާއި ދެކޮޅަށް ނަމަވެސް ޓެރަރިޒަމްގެ އެއްވެސް އަމަލެއް ނުވަތަ ހަރުކަށި އަމަލެއް ކުރުމުގެ ފުރުޞަތު ނުދެއްވާނެ ކަމަށެވެ.
މިއަދުގެ ބައްދަލުވުމުގައި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ވިދާޅުވީ ރައްޔިތުންގެ ހިތުގައި ބިރުވެރިކަން އުފައްދައި އަދި ވަކި ގޮތަކަށް މީހުން "ލޭބަލްކޮށް" ހަދަމުން ގެންދާ ފަރާތްތަކާއިމެދު ފިޔަވަޅު އެޅޭނެ މެކޭނިޒަމެއް ޤާނޫނުގެ ތެރެއިން ހަމަޖައްސަވަން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.
ސީޕީ ޙަމީދު ވިދާޅުވީ ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމުގެ ޤާނޫނު ތަންފީޒުކުރުމަކީ އިސްލާމިކް މިނިސްޓްރީގެ މަސްއޫލިއްޔަތެއް ކަމަށާއި އެ ޤާނޫނު ތަންފީޒުކުރުމުގައި ހުރަސްތަކެއް ހުރުމުން އެކަންކަން އިޞްލާޙްކުރަން އިސްލާމިކް މިނިސްޓްރީ އާއި ފުލުހުން މަޝްވަރާކުރަމުން ގެންދާ ކަމަށެވެ.
ސީޕީ ޙަމީދު ވެސް ވިދާޅުވީ ހަރުކަށި ނުވަތަ ޓެރަރިޒަމްގެ އެއްވެސް އަމަލެއް ހިންގަން އެއްވެސް ފުރުޞަތު ނުދެއްވައި މައްސަލަތައް ބައްލަވަމުން ގެންދަވާނެ ކަމަށެވެ.
ދީނީ ހަރުކަށި ފިކުރުގެ މީހުންނާއިމެދު ފިޔަވަޅު އެޅުން އަވަސްކުރަން ކަންކަން ކުރާ ފަދައިން އިސްލާމް ދީނަށް ފުރައްސާރަކޮށް އިސްލާމް ދީނާއި ދެކޮޅު ހަރަކާތްތައް ހިންގާ ފަރާތްތަކާއިމެދު ފިޔަވަޅު އަޅަން މަސައްކަތް ނުކުރެވޭކަން ބައެއް ނޫސްވެރިން ފާހަގަކުރުމުން ސީޕީ ޙަމީދު ވިދާޅުވީ އިސްލާމް ދީނާއި ދެކޮޅަށް ކަންކަން ކުރާ ފަރާތްތަކުގެ މައްސަލަތައްވެސް ބަލަމުން ގެންދާ ކަމަށެވެ. އެގޮތުން ކުރައްވާ ބައެއް މަސައްކަތްތައްވެސް ސީޕީ ޙަމީދު ވަނީ ފާހަގަކުރައްވައިފައެވެ.