ދާއިރާގެ 300 މެންބަރުންނާއިއެކު ޤާނޫނީ ވަކީލް މުޙައްމަދު ވަޙީދު އިބްރާހީމް (ލޯޔަރު ވައްޑޭ) ޖޭޕީ އާއި ގުޅިވަޑައިގެންފިއެވެ. މުޙައްމަދު ވަޙީދު ޖޭޕީ ޢާއި ގުޅިވަޑައިގަތީ ޖޭޕީގެ މައިމަރުކަޒް މ. ކުނޫޒުގައި މިރޭ ބޭއްވި ރަސްމިއްޔާތެއްގައެވެ. މިރަސްމިއްޔާތުގައި ވަނީ މުޙައްމަދު ވަޙީދު އާއި 300 މެންބަރުންގެ ފޯމް ޖީޕީގެ ލީޑަރު ޤާސިމް އިބްރާހީމް އާއި ޙަވާލުކޮށްފައެވެ.
މިރޭގެ ރަސްމިއްޔާތުގައި މުޙައްމަދު ވަޙީދު ވިދާޅުވީ ޤާސިމް އިބްރާހީމް އާއި އެއިރު ޖަލަސް ލެވުނު އެންމެން ޖަލަށްލުމަށްފަހު ހޭން ތިބި މީހުން މިއަދު ތިބީ "މިތަނުގައި" ކަމަށާއި ތަްްދީރުގެ މައްޗަށް ތަދުބީރު ނުކުރެވޭނެ ކަމަށެވެ. މަކަރުވެރިންގެ ރޭވުންތައް ﷲ ތަޢާލާ ބާޠިލްކުރައްވަވާނެ ކަމަށެވެ.
މުޙައްމަދު ވަޙީދު ވިދާޅުވީ ރައީސް ޔާމީނުގެ ވެރިކަމުގައި އޭނާ އާއި ވެސް މައްސަލަތައް ކުރިމަތިވީ އިޞްލާޙީ މަސައްކަތަށް ނުކުމެވަޑައިގަތުމުން ކަމަށާއި އެއިރު ނުކުމެވަޑައިގަތީ އެތައް ބައެއްގެ ޙައްޤުގައި ކަމަށެވެ. އަދި އެއިރު އެބޭފުޅުންނަކީ ބަޠޮލުން ކަމަށްވި ކަމަށާއި މިއަދު އެބޭފުޅުންނަކީ އެއްވެސް ބައަކަށް ނުވި ނަމަވެސް ކުރެއްވުނު މަސައްކަތުން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް އެވަނީ ބޮޑުގޮނޑީގައި ބެއިންދިފައި ކަމަށެވެ.
މުޙައްމަދު ވަޙީދު ވަނީ އިސްލާމް ދީނަށާއި ރަސޫލް (ޞޢވ)އަށް ފުރައްސާރަކުރި މައްސަލައިގައި ކަންބޮޑުވުން ފައުޅު ކުރައްވައިފައެވެ. އޭނާ ވިދާޅުވީ އަޅުގަނޑުމެންގެ ޤާނޫނަކީ ކީރިތި ޤުރްއާނާއި ރަސޫލް (ޞޢވ)ގެ ސުންނަތް ކަމަށެވެ. "އެއިން އަޅުގަނޑުމެން ބަރީޢަކުރެވޭނެ އެއްވެސް މީހަކު ނުހުންނާނެ."
ޖޭޕީގެ ލީޑަރު ޤާސިމް އިބްރާހީމް އާއި ދެކޮޅުވުމުންވެސް ދެކޮޅުވާ މީހުންނަށް މަޢާފްކުރައްވަމުން ގެންދަވާތީ އެއީ އިސްލާމް ދީނުގެ ރިވެތި މިސާލެއްކަން ފާހަގަކުރައްވައި މުޙައްމަދު ވަޙީދު ވަނީ ޤާސިމް އިބްރާހީމް އަމަލުކުރައްވަމުން ގެންދަވާ މާފުކުރެއްވުމުގެ ސިޔާސަތަށް ތައްރީފް ކުރައްވައިފައެވެ.