ރާއްޖެއިން އިސްލާމް ދީން ފުހެލުމަކީ އެއްވެސް މީހަކަށް ކުރެވޭނެ ކަމެއް ނޫން ކަމަށާއި ރާއްޖޭގެ ޤާނޫނުތައް އެކަން ކުރަން ތަން ނުދޭކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
ޤާނޫނީ ވަކީލް މުޙައްމަދު ވަޙީދު އިބްރާހީމް (ލޯޔަރު ވައްޑޭ) އާއި އިތުރު 300 މީހުން ޖުމްހޫރީ ޕާޓީ އާއި ގުޅުމަށް މިރޭ ޖޭޕީގެ މައި މަރުކަޒު މ. ކުނޫޒުގައި ބޭއްވި ބައްދަލުވުމުގައި ޤާސިމް އިބްރާހީމް ވިދާޅުވީ އިސްލާމް ދީނަށާއި ރަސޫލް (ޞޢވ)އަށް ފުރައްސާރަކޮށް އަމިއްލަ ޖަމިއްޔާއަކުން ރިޕޯޓެއް ހާމަކުރި މައްސަލައަކީ މިހާރު އެންމެ ބޮޑަށް ހޫނުވެގެން އުޅޭ އެއް މައްސަލަ ކަމަށްވާއިރު އެފަދަ ކަންކަން ކުރަން ރާއްޖޭގެ ޤާނޫނު އަސާސީ އެއްވެސް މިންވަރަކަށް ތަން ނުދޭ ކަމަށެވެ.
ޤާސިމް އިބްރާހީމް ވިދާޅުވީ އެ މައްސަލަ ދައުލަތުގެ ކަމާއިބެހޭ މުއައްސަސާއަށް މިހާރު ހުށަހެޅިފައިވާތީ އެ މުއައްސަސާއިން މައްސަލަ ބަލައި ނިންމާ ގޮތަކަށް އިންތިޒާރުކުރަން ޖެހޭނެ ކަމަށާއި އެއިގެ ކުރިން އެއްވެސް ބާވަތެއްގެ ހަމަނުޖެހުމެއް ނުހިންގުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. "އެފަދަ މައްސަލަތައް ބަލައި ފިޔަވަޅު އަޅަން މާތް ﷲ ގަންދީ ހުވާކޮށްގެން ތިބި އެތައް ބައަކު އެބަތިބި. ފުލުހުންގެ މުއައްސަސާއަކީ ވެސް އެތަނުން އެއް މުއައްސަސާ."
"އަޅުގަނޑު ދަންނަވަން ބޭނުންވަނީ އެއްވެސް މީހަކު އެކަމާ ކަންބޮޑު ނުވުމަށް. މިޤައުމުން އިސްލާމް ދީން ފުހެއެއް ނުލެވޭނެ އެކަކަށްވެސް. ކީރިތި ޤުރްއާނަށް މަލާމާތްކޮށް ޖޯކް ޖަހައި ނުހެދޭނެ އެކަކަށްވެސް. ކީރިތި ރަސޫލާ (ޞޢވ) އަށް ފުރައްސާރަކޮށެއް ނުހެދޭނެ. އެކަންކުރާ މީހާ ވާނީ ބޭކާރު މީހަކަށް. ބޭޒާރުވެ ނިކަމެތިވެގެންދާނީ އެމީހަކު. އެއީ ކިހިނެއް ވާނެ ކަމެއްތޯ؟ އެކަން ޖެހޭނީ ހަނދާން ނައްތައިލަން. ސިފައިންނާ ފުލުހުން އެފަދަ ކަންކަން ކުރަން ފުރުޞަތެއް ނުދޭނެ."
އެފަދަ ކަންކަން ކުރާ މީހުންނާއި އަދި ޖަމިއްޔާތަކާއިމެދު އަޅަން ޖެހޭ ފިޔަޅުތައް ރައީސުލްޖުމްހޫރިއްޔާ އަޅުއްވަވާނެ ކަމަށް ޔަޤީން ކުރައްވާ ކަމަށްވެސް ޤާސިމް އިބްރާހީމް ވިދާޅުވިއެވެ.