ރަސޫލް (ޞޢވ) ޞަޙާބީންގެ ބައަކާއިއެކު ފަރިއްކުޅުއްވަން އިންނަވަނިކޮށް އިތުރު ޞަޙާބީއަކު ވަޑައިގެން ފަރިއްކުޅުއްވަން ފެށްޓެވިއެވެ. އެއިގެ އިރުކޮޅެއްފަހުން ރަސޫލް (ޞޢވ) ހިނިފުޅުވެޑުވުމުން ހިނިފުޅުވެޑުވި ސަބަބާއިމެދު ޞަޙާބީން ސުވާލު ކުރެއްވެވުމުން ޙަދީޘްފުޅު ކުރެއްވެވިއެވެ.
"ފަހުން ވަޑައިގެންނެވި ޞަހާބީ ފަރިއްކުޅުއްވަން ފެށްޓެވީ ބިސްމިﷲ ވިދާޅުނުވެއެވެ. އެހެންކަމުން ޝައިޠާނާ ގެންދިއައީ އެ ޞަޙާބީގެ ތަށިން ކަމުންނެވެ. ޞަހާބީއަށް (ހަނދުމަފުޅުވެގެން) ބިސްމިﷲ ވިދާޅުވުމުން ޝައިޠާނާ އެދިއައީ ކެއިތަކެތި ހޮޑުލަމުންނެވެ."
މީސްތަކުންނޭވެ! ކޮންމެ ކަމެއް ކުރަން ފަށަމުންވެސް ބިސްމިﷲ ކިޔާށެވެ! ޙަލާލް ނުވަތަ ﷲ ތަޢާލާ ހުއްދަ ކުރެއްވެވި ކޮންމެ ކަމެއްކުރި ނަމަވެސް ރަޙްމާންވަންތަ ރަޙީމްވަންތަ ރަސްކަލާނގެ އިސްމް ފުޅުން އެކަމެއް ކުރަން ފެށުމުން ﷲ ތަޢާލާ އެކަމެއްގައި ބަރަކާތް ލައްވަވާނެތެވެ. ޝައިޠާނާއަށް އެކަމަކާއި ކައިރިއެއް ނުވެވޭނެއެވެ.
ގޭގެ ކުޑަދޮރު ފަދަ ތަނެއް ހުޅުވި ނަމަވެސް ބިސްމިﷲ ކިޔާފައި ހުޅުވުމުން އެދޮރުން ޝައިޠާނާއަކަށް ނުވަދެވޭނެއެވެ. ކެއްކުމަށްފަހު މަތިޖަހަމުންވެސް މަތި ނަގަމުންވެސް ބިސްމިﷲ ކިޔަންވާނެއެވެ. އެއިރުން ޝައިޠާނާއަކަށް ނުކެވޭނެއެވެ. ގެއިން ވަންނަމުން ވެސް ނުކުންނަމުންވެސް އެންމެ ކުޑަމިނުން ބިސްމިﷲ ކިޔަން އާދަކުރާށެވެ. ޝައިޠާނާއަށް ފަހަތުން ނުދެވޭނީ އެއިރުންނެވެ.
ކަން މިހެން އޮތް ނަމަވެސް ބައެއް މީހުންނަށް މިހާރު އަމަލުކުރެވޭ ގޮތުން ހީވަނީ ބިސްމިﷲ ކިޔުމަކީ ހަމައެކަނި ކާން ފެށުމުގެ ކުރިން ކުރަން ޖެހޭ ކަމެއް ކަމަށެވެ. އެއީ ކާން ފަށަމުން ވެސް ކުރަން ޖެހޭ ކަމެކެވެ. ހަމައެއާއިއެކު ކުރާ ކޮންމެ ކަމެއް ނަމަވެސް ކުރަން ފެށުމުގެ ކުރިން ބިސްމިﷲ ކިޔުމަކީ ހަމަ ކޮންމެހެން ވެސް ކުރަން ޖެހޭނެ ކަމެކެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން