އެންމެ ބޮޑެތި ފަޤީރުން އެންމެ މުއްސަނދިންގެ ގޮތުގަ މަރުވާއިރު އެންމެ ބޮޑެތި ފައިސާވެރިން އެންމެ ބޮޑު ފަޤީރުގެ ގޮތުގަ މަރުވަނީ ކީއްވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 22ސ
އެންމެ ބޮޑެތި ފަޤީރުން އެންމެ މުއްސަނދިންގެ ގޮތުގަ މަރުވާއިރު އެންމެ ބޮޑެތި ފައިސާވެރިން އެންމެ ބޮޑު ފަޤީރުގެ ގޮތުގަ މަރުވަނީ ކީއްވެ؟

ދުނިޔޭގައި ވަރަށް ބޮޑެތި ފައިސާވެރިން އުޅެއެވެ. މިލިއަނަރުންނާއި ބިލިއަނަރުންނެވެ. ނަމަވެސް އެއިގެ ތެރެއިން އެންމެ ގިނަ ބައަކު މަރުވަނީ އެންމެ ބޮޑެތި ފަޤީރުންގެ ގޮތުގައެވެ. އަތުގައި އެއްވެސް އެއްޗެއް ނެތިއެވެ. އެއީ ކީއްވެގެން ހެއްޔެވެ؟ 

އެކަން އެހެން އެވަނީ އެމީހުންގެ ހިތްތައް މަރުވެފައިވާތީއެވެ. އެކައުންޓުގައި ބިލިއަނުން ފައިސާހުރުމުން ތިމާ ބޭނުންހައި ގޮތަކަށް ހުރިހާ ކަމެއް ކުރެވޭނެ ކަމަށް ޤަބޫލުކުރެވޭތީއެވެ. ތިމާ ބޭނުންހައި ދުވަހަކު ދުނިޔޭގައި ހުރެވޭނެ ކަމަށް ޤަބޫލުކުރެވޭތީއެވެ. އެހެންވެ ކޮންމެ ދުވަހަކުވެސް މާދަމާ ތައުބާވެ ހެޔޮ އަމަލުތައް ކުރަން ވިސްނައިގެން ހުންނާތީއެވެ. އެގޮތަށް ކޮންމެ ދުވަހަކު މާދަން ހެޔޮ އަމަލުތައް ކުރަން ހިތުއަޅައިގެން ޙަޔާތުގެ ދުވަސްތައް ވޭތިކުރަމުން ދަނިކޮށް އިންތިޒާރުކުރާ މާދަމާ ނާންނަނީސް މަރުގެ މަލާއިކަތާ ވަޑައިގެން ބައްދަލުކުރާތީއެވެ. 

މިހެން މިކަން މެދުވެރިވަނީ ﷲ ތަޢާލާ ތަނަވަސްކަން ދެއްވެވުމުން އެ ތަނަވސްކަން އެއިގެ އެތައް ގުނައަކަށް އިތުރުކުރުމުގެ ޝައުޤުވެރިކަން ބޮޑުވެ މުދަލާއި ފައިސާގެ ދަހިވެތިކަން ބޮޑުވުމުންނެވެ. އިތުރަށް ތަނަވަސްކަން ހޯދަން ބޭނުންވާ ވަރުން ﷲ ތައާލާ ތިމާގެ މައްޗަށް ފަރުޟު ކުރެއްވެވި ކަންކަން ހަނދާން ނެތޭތީއެވެ. އެކަންކަން ކުރަން ވަގުތު ނުދެވޭތީއެވެ. 

އެހެންކަމުން މިބުނި ފަދަ މުއްސަނދިން މަރުވަނީ ހުސްތާއެވެ. ﷲ ތަޢާލާގެ ހަޟްރަތަށް ގެންދާނެ އެއްވެސް ހެޔޮކަމެއް ނެތިއެވެ. އެހެންކަމުން އެމީހުން އެ މަރުވަނީ އެންމެ ބޮޑެތި ފަޤީރުންގެ ގޮތުގައެވެ. 

ދުނިޔޭގައި އެމީހުން ދިރިއުޅުނީ ކިތަންމެ ފުރިހަމަ ގެއެއްގައި ނަމަވެސް މަރުވާ ވަގުތުން ފެށިގެން ހުރިހާ ނިޢްމަތަކުން މަޙްރޫމްވެފައިވާ މީހުންގެ ގޮތުގައެވެ. 

އެންމެ ބޮޑެތި ފަޤީރުން އެންމެ ބޮޑެތި މުއްސަނދިންގެ ގޮތުގައި މަރުވަނީ ކޮންމެ ދުވަހަކުވެސް ހެޔޮ އަމަލުތައް ކުރުިންމަތީގައި ދުނިޔޭގައި އުޅުނީތީއެވެ. މަރުގެ މަލާއިކަތާ މަރު ހިއްޕަވަން ވަޑައިގަންނަވާއިރު އެމީހުންގެ އަތުގައި އެއްވެސް ފައިސާއެއް ނުހުރެއެވެ. މާފުރިހަމަ ގެދޮރާއި މުދަލެއްވެސް ނުހުރެއެވެ. ނަމަވެސް އެމީހުން ދުނިޔޭގައި އެއްކޮށް ޖަމާކުރި ހެޔޮ އަމަލުތައް އެމީހުންނާއިއެކުގައިވެއެވެ. އެހެންކަމުން ދުނިޔެ ދޫކޮށް އެމީހުން އެދަނީ އެންމެ ބޮޑެތި މުއްސަނދިންގެ ގޮތުގައެވެ. 

ދުނިޔޭގައި އެމީހުން ދިރިއުޅުނީ ޖިފުޓިއެއްގައި ކަމަށްވެދާނެއެވެ. ކައްވަޅުގައި އެމީހުންނަށް ލިބޭނީ ނިޢްމަތްތަކެވެ. ޤިޔާމަތް ދުވަހު އެމީހުން ވަންނާނީ ނިޢްމަތްތަކުން ފުރިގެންވާ ސުވަރުގެއަށެވެ. ހިތަށް އަރުވައިލުމުން ޙާޞިލު ނުކުރެވޭނެ އެއްވެސް ކަމެއް ނުއޮންނާނެއެވެ! އިން ޝާ ﷲ! 

މީސްތަކުންނޭވެ! މަސައްކަތް ކުރަންވީ މިބުނި ކަންކަމަށް ވިސްނައިގެންނެވެ! މިދުނިޔޭގައި މަގުމަތީގައި ނިދަން ޖެހުމަކީ ވެސް މައްސަލައެއް ނޫނެވެ. ސުވަރުގެއިން ޖާގައެއް ލިބިއްޖެނަމަ ދުނިޔޭގައި އުޅުނު ދަތި ޙާލު ހަނދާންވެސް ނުވާނެއެވެ. ނަމަވެސް ނަރަކައަށް ވަންނަން ޖެހިއްޖެ ނަމަ އަލިފާނުގައި އަނދައިއަނދައި އޮންނައިރު ދުނިޔޭގައި އުޅުނު ގޮތް ހިތަށް އަރައި އަބަދުވެސް ޖެހޭނީ ރޯށެވެ! ވީމާ ބޭނުން ގޮތެއް އަވަހަށް އިޚްތިޔާރުކުރާށެވެ!

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން