އެއްވެސް ޢާއިލާއެއްގެ ގިނަ ދަރިން މަގުފުރެދިފައިވާނަމަ، އެ ދަރިން ބަލައި ބޮޑުކުރަން ޚަރަދުކުރި ގޮތާމެދު ވިސްނަން ޖެހޭނެ އެވެ. އެއިރުން ވަރަށް ރަނގަޅަށް ސަބަބު އޮޅުން ފިލާނެއެވެ.
100 އިންސައްތަ ޙަލާލު ފައިސާއިން ޚަރަދުކޮށްގެން ޢާއިލާ ބެލެހެއްޓި ނަމަވެސް ގޯސްމަގުން ދަރިއަކު ހިނގައިދާނެއެވެ. ނަމަވެސް ޢާއިލާގެ ގިނަ ދަރިން މަގުފުރެދިފައިވާނަމަ އެއީ މައްސަލައެކެވެ. އެކުދިން ބަލައި ބޮޑުކުރަން ފައިސާ ޚަރަދުކުރި ގޮތާއިމެދު ފުންކޮށް ވިސްނާށެވެ! އަނބިދަރިންނަށް ޙަލާލު ތަކެތި ކާންދޭން ޖެހެނީ މި ސަބަބަށްޓަކައެވެ.
ބައެއް މީހުންނަށް މަޤާމެއް ލިބުމުން ދައުލަތުގެ ފައިސާއިން ވައްކަންކުރާއިރު މިކުރެވެނީ ކިހައިވަރެއްގެ ކަމެއްކަން ނުވެސް އެނގެނީ ކަމަށްވެދާނެއެވެ. ރައްޔިތުންގެ ފައިސާއިން ވައްކަންކުރުމަކީ ބިރުހުރި ކަމެކެވެ. ޤަމުގައި ތިބި ހުރިހާ ޔަތީމުންގެ ފައިސާވެސް ދައުލަތުގެ ފައިސާގައި ހިމެނޭތީ އެ ބިރުވެރިކަން އިންތިހާއަށް އިތުރުވެއެވެ.
"ހަމަކަށަވަރުން، އަނިޔާވެރިކަމުގެގޮތުން ޔަތީމުންގެ މުދާ ކައިއުޅޭ މީހުން (ދަންނާށެވެ!) އެއުރެން ކައިއުޅޭކަން ކަށަވަރީ (ނަރަކައިގެ) އަލިފާނެވެ. އަދި، އަނދަ އަނދާ ހުންނަ ނަރަކައަކަށް އެއުރެން ނިކަންހުރެ ވަންނާނެތެވެ." (އައްނިސާ: 10)
ހަރާމްތަކެތި ކައިގެން ގައިގައި ޖަހާ މަސް ދިއުން ގާތީ ނަރަކައަށްކަން އެންމެންނަށްވެސް އެނގޭނެއެވެ. އެކަން ނުއެނގޭ އެންމެ މުސްލިމަކުވެސް ނުހުންނާނެއެވެ. ބައެއް މީހުންނަށް ހީވަނީ ޙަރާމް ތަކެތި ކެއުމަކީ އޫރު މަސް ފަދަ ތަކެތި ކެއުމާއި ބަނގުރާ ބުއިން ކަމަށެވެ. ނަމަވެސް އެއީ އެއްގޮތަކަށްވެސް އެހައި ތިލަކޮށް ނިންމައި ލެވެން އޮތް ކަމެއް ނޫނެވެ. ތިމާއަށް ޙަލާލު ނޫން އެންމެ ވަކިލާރިއެއް ބޭނުން ކުރުމުން ވެސް އެ ކެވެނީ ހަމަ ޙަރާމް ތަކެއްޗެވެ. ވައްކަމާއި ކޮރަޕްޝަން ފަދަ އަމަލުތައްކޮށްގެން ހޯދާ ކޮންމެ އެއްޗަކީ ޙަރާމް އެއްޗެކެވެ. އެކެވެނީ ޙަރާމް ތަކެއްޗެވެ.
ވީމާ ތިމާގެ ދަރިންނަކީ ﷲ ތަޢާލާއަށް ބިރުވެތިވާ ތެދުވެރި މުސްލިމުންގެ ގޮތުގައި ތަރުބިއްޔަތުކުރަން ބޭނުން ނަމަ ޙަރާމް ގޮތުގައި ފައިސާ ނުހޯދާށެވެ! އެފައިސާއިން އެކުދިންނަށް ކުރާ ޚަރަދުތަކުން ހޯދައިދެވޭ އުފާވެރިކަމަކީ ތިބާ އެންމެ ލޯބިވާ ދަރިން ނަރަކައިގައި އަންދާނެ ދަރަށް ވެދާނެ ކަމަށްޓައެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން