ރާއްޖޭގައި ފުރަތަމަ ފަހަރަށް އަޑުފޮށްޓާއި ނޭވާލާ ހޮޅީގެ ކެންސަރ ޓިއުމާރ އެއް ކާމިޔާބު ކަމާއެކު ނަގައިފި

އަހުމަދު
ކިޔުމަށް ހޭދަވާނީ 1މ 45ސ
ރާއްޖޭގައި ފުރަތަމަ ފަހަރަށް އަޑުފޮށްޓާއި ނޭވާލާ ހޮޅީގެ ކެންސަރ ޓިއުމާރ އެއް ކާމިޔާބު ކަމާއެކު ނަގައިފި

ދިވެހި ރާއްޖޭގައި ފުރަތަމަ ފަހަރަށް އަޑުފޮށްޓާއި، ނޭވާލާހޮޅީގެ ކެންސަރ ޓިއުމަރއެއް އޮޕަރޭޝަންކޮށް ކާމިޔާބުކަމާއެކު ނަގައިފިއެވެ.

މި އޮޕަރޭޝަން ކާމިޔާބުކަމާއެކު ކޮށްފައިވަނީ ރާއްޖޭގެ ހަމައެކަނި އޮންކޯ ސާރޖަން ޑރ. މުޙައްމަދު ޝިފާންއާއި އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް، އައި.ޖީ.އެމް.އެޗްގެ ސާރޖަރީ ޓީމަކުންނެވެ. ކެންސަރ ޓިއުމަރ ނަގާފައިވަނީ އުމުރުން 50 އަހަރުގެ އަންހެނެއްގެ ކަމަށް އައި.ޖީ.އެމް.އެޗުން ވިދާޅުވެއެވެ.

މިކަމާ ގުޅޭގޮތުން ޑރ. މުޙައްމަދު ޝިފާން ވިދާޅުވީ، އޮޕަރޭޝަން ކުރުމަށް ބަލިމީހާ ހޮސްޕިޓަލަށް ގެނެވުނުއިރު، އޭނާގެ ހާލަތު ވަރަށް ކްރިޓިކަލްކަމަށާއި، އޭނާގެ އަޑުފޮށްޓާއި، ކާ އެއްޗެހި ދަތުރުކުރާ ހޮޅިއަށް ކެންސަރ ޓިއުމަރ ފެތުރިފައިވާކަމަށެވެ. އަދި އެކަމުގެ ސަބަބުން ނޭވާ ހޮޅިތައްވެސް ބެދި، ނޭވާ ލާން އުނދަގޫވެ، އެއްވެސް ވަރަކަށް އަޑުވެސް ނުނިކުންނަކަމަށް ޑރ. ޝިފާން ވިދާޅުވިއެވެ.

އޮޕަރޭޝަނަށްފަހު މިހާރު އޭނާގެ ހާލަތު ސްޓޭބަލްކަމަށް އައި.ޖީ.އެމް.އެޗުން ވިދާޅުވެއެވެ. ގާތްގަނޑަކަށް 5 ގަޑިއިރާއި ބައިގެ މި އޮޕަރޭޝަންގައި، އަޑުފޮށްޓާއި ނޭވާލާހޮޅިއަށް ފެތުރިފައިވާ ކެންސަރ ޓިއުމަރ ނަގާ، ބެދިފައިވާ ހޮޅިތައް އަޅުން ހުޅުވާލަދީ، ސާފުކޮށްފައިވާކަމަށް ޑރ. ޝިފާން ވިދާޅުވިއެވެ. އަދި އޮޕަރޭޝަނަށްފަހު ބަލިމީހާ ނޭވާލުމަށްޓަކާ ކަރަށް ހޮޅިއެއް ގުޅާފައިވާކަމަށާ އަދި އަނގައިން ކެވެންދެން މިހާރު އެ މީހާއަށް ކާތަކެތި ދެނީ ބަނޑަށް ގުޅާފައިވާ ހޮޅިއެއް ބޭނުންކޮށްގެންކަމަށް ޑރ. ޝިފާން ވިދާޅުވިއެވެ.

ޑރ. ޝިފާން ވިދާޅުވީ، ކެންސަރ ޓިއުމަރ ނެގުމަށްފަހު ބަލިމީހާގެ ރިކަވަރީ ޕްރޮގްރެސްއަށް ބަލާ، އޭނާއަށް ވާހަކަދެއްކުމަށް ފަސޭހަކުރުމަށްޓަކާ "އަރޓިފިޝަލް ވޮއިސް ބޮކްސް"އެއް ލެއްވުމަށް ހަމަޖެހިފައިވާކަމަށެވެ.

 

މިއަދު އޮންލައިން