މިހައި ގިނަ ބައަކު އެއްވެ މިތިބީ މިރޭގެ މައުޟޫއަކީ ރަސޫލް (ޞޢވ) އަށް ފުރައްސާރަ ކުރުމުގެ ނުބައިކަން ކަމުގައިވާތީއެވެ. މުސްލިމުން އެންމެ ލޯބިވަނީ ﷲ ތަޢާލާ އަށާއި އެކަލާންގެ ރަސޫލާ (ޞޢވ) އަށެވެ. އެހެންވީމާ އެ ދެ ފަރާތަށް ކުޑައިމިސް ބަސްތައް ބުނެ ކަންކަން ކުރުމަކީ މުސްލިމުންނަށް އެންމެ އަސަރުކުރާނެ ކަންތަކެވެ. މިފަދަ ކަންކަން ކުރުމުން އުފެދިގެންދާ އެކުވެރިކަމުގެ ރޫޙުގައި އިސްލާމް ދީނާއި ތަންކޮޅެއް ދުރުގައި ތިބި މީހުންވެސް އެކުވެރިވެ އެކަތިގަނޑަކަށްވެއެވެ. މުސްލިމުންނަކީ އެ ދެ ފަރާތަށް އޮންނަ ލޯބީގައި ޙަޔާތުގެ އެހެން ކަންކަން ބިނާކުރަމުން ގެންދާ ބައަކަށްވާތީއެވެ.
ﷲ ތަޢަލާ އަށާއި އެކަލާނގެ ރަސޫލާ (ޞޢވ) އަށް ކުޑައިމިސް ބަހެއް ބުނުމަކީ އިސްލާމް ދީން ގެނެސްދީފައިވާ ބޯޑަރު ނުވަތަ ރަތްރޮނގު ހުރަސްކޮށްފި ކަމުގެ ހެއްކެކެވެ. އެހެންކަމުން މީހަކާއިމެދު، ބައަކާއިމެދު، ޖަމިއްޔާ ޖަމާއަތަކާއިމެދު ދައްކާ ވާހަކައަކަށްވުރެ މިފަދަ ކަންކަން ބޮޑުވެއެވެ. އެހެންކަމުން ދީނުގެ ކަންކަމާއި އެންމެ ދުރު މީހުން ވެސް މިފަދަ ކަންކަމާއި ދެކޮޅަށް ތެދުވާކަން އެއީ ދުނިޔެ ދައްކަމުން ގެންދާ ޙަޤީޤަތެކެވެ.
ﷲ ތަޢާލާ، ކާއިނާތުގެ ވެރިފަރާތާއިމެދު ކުޑައިމިސް ބަސް ރައްދުކުރަނީ ﷲ ތަޢާލާއަށް އުރެދި އެމީހާގެ ބޮޑާކަމާއި ނުކިޔަމަންތެރިކަން ދެއްކުމަށެވެ. ނާދިރު ޙާލަތެއްގައި މީހަކު ކަލަކު ވޮޑިގެން ނުވާކަމަށް ބުނި ނަމަވެސް ބުއްދި ސަލާމަތުން ހުރި އެއްވެސް އިންސާނެއްގެ ޟަމީރު ކަލަކު ވޮޑިގެން ނުވާކަމަކަށް ނުބުނާނެއެވެ. ކަލަކު ވޮޑިގެންވާކަމަށް އިންކާރުކުރަނީ ދުނިޔަވީ ފައިދާއަކަށްޓަކައި އެމީހާގެ އަމިއްލަ ނަފްސު ވެސް ގޮވާ ގޮވުމާއި ދެކޮޅަށެވެ.
ތިމާއަކީ އެންމެ މަތިވެރި ކަލާނގެ ކަމަށް ބުނެ އެކަމަށް ދައުވާ ކުރަމުން ދިއަ ފިރުއަޢުނުވެސް އޭނާގެ މައްޗަށް ތަދުބީރުކުރައްވަވާ ދުނިޔޭގެ އެންމެހައި ކަންކަން ހިންގަވާ ކަލަކު ވޮޑިގެންވާކަން ޤަބޫލުކުރެއެވެ. ނަމަވެސް ފިރުއަޢުނާއި އޭނާގެ ގާތުގައިވީ މީހުން ބޮޑާވެ ގަނެ އެގޮތަށް ބުނެ ދެކޮޅު ހަދަމުން ގެންދިއައީއެވެ. ﷲ ތަޢާލާ ކޮންމެ އިންސާނަކުވެސް އުފައްދަވާފައިވަނީ ﷲ ތަޢާލާ ވޮޑިގެންވާކަން ޤަބޫލުކުރެވޭނެ ފިޠުރަތުގެ މަތީގައެވެ. އެކަމުގެ ހެކިތައް ކޮންމެ މީހަކަށްވެސް ދެއްކެވުމަކީ ﷲ ތަޢާލާގެ ވައުދު ބަސްފުޅެކެވެ. އެހެންކަމުން ކަލަކު ވޮޑިގެން ނުވާ ކަމަށް ބުނުމަކީ އެމީހާގެ ޖާހިލުކަމާއި ނިކަމެތިކަން ނޫން ދެވަނަ އެއްވެސް ކަމެއް ނޫނެވެ.
ﷲ ތައާލާގެ ކަށަކުޅަދުންވަންތަކަން މަޢްރިފާކޮށް ދެނެގަންނަން ނުއެނގުނު މީހާގެ ކިބައިން މުޖުތަމައު ރައްކައުތެރިކުރަން ޖެހެއެވެ. އެހެނީ އެފަދަ މީހެއްގެ ކިބައިން މުޖުތަމައު ކުރާނެ ފައިދާއެއް ނެތުމުންނެވެ. އެފަދަ މީހުން ފުއްދާނެ ވައުދެއް ވެސް އަހުދެއްވެސް ނުއޮންނާނެއެވެ!
- ޝައިޚް ޢަބްދުއްސަލާމް ދާވޫދު މިރޭ ބަންޑާރަ މިސްކިތުގަ ދެއްވި ދަރުސުން