މުޖުތަމައު ތެރޭގައި ބިރުވެރިކަން އުފެދޭ ގޮތަށް މީހުންގެ ފުރާނައަށް ގެއްލުން ދިނުމަށާއި އަނިޔާވެރި އަމަލުތައް ހިންގުމަށް ގޮވާލައި، ޓެރަރިސްޓް ޖަމާއަތްތަކުގެ ނިޝާންތަކާއި ލިޔެކިޔުންތައް ސޯޝަލް މީޑިއާގައި ޕޯސްޓްކޮށް ހާމަކުރަމުން ދިއަ 27 އަހަރުގެ ދިވެހި ފިރިހެނަކު މިރޭ ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
އިތުރު ތަފްޞީލް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
މިކަމުން އެނގިގެންދަނީ ރާއްޖޭގެ ކޮންމެ ރަށެއްގައި ހުރެގެން ނަމަވެސް މިފަދަ ކަންކަން ކުރާ މީހުން ދެނެގަތުމުގެ ޤާބިލުކަން ދިވެހި ފުލުހުންނަށް ލިބިފައިވާކަން ކަމުގައި ފާހަގަކޮށް އިސްލާމް ދީނުން ބޭރުވެ، އިސްލާމް ދީނަށް ފުރައްސާރަ ކުރަމުން ގެންދާ މީހުން ވެސް ދެނެގަނެ އަވަސް މުސްތަޤްބަލެއްގައި ފިޔަވަޅު އެޅުމަށް ގިނަ ބައަކު ދަނީ ގޮވާލަމުންނެވެ.
ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެފައިވަނީ އިސްލާމް ދީނަށް ފުރައްސާރަކޮށް ނިކަމެތި ކުރުމުގެ ފުރުޞަތުވެސް އަދި އިންޒާރުދީ ބިރު ދެއްކުމުގެ އެއްވެސް އަމަލެއް ހިންގަން މި ސަރުކާރުން ފުރުޞަތު ނުދޭނެ ކަމަށެވެ.