ސަރުކާރުން އަމިއްލަ ކުންފުނިތަކަށް ބަދަލުދިނުމާ ގުޅޭ ޝަކުވާއެއް ކޮމިޝަނަށް ހުށަހެޅިފައިވޭ: އޭސީސީ

ކިޔުމަށް ހޭދަވާނީ 1މ 26ސ
ސަރުކާރުން އަމިއްލަ ކުންފުނިތަކަށް ބަދަލުދިނުމާ ގުޅޭ ޝަކުވާއެއް ކޮމިޝަނަށް ހުށަހެޅިފައިވޭ: އޭސީސީ

ސަރުކާރުން އަމިއްލަ ކުންފުނިތަކަށް ބަދަލުދިނުމާ ގުޅޭ ޝަކުވާއެއް ހުށަހެޅިފައިވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ހާމަކޮށްފިއެވެ.

އަލަށް އައްޔަން ކުރި އޭސީސީގެ މެންބަރުން މިއަދު ފުރަތަމަ ފަހަރަށް މީޑިއާޔާ ބައްދަލު ކުރައްވައި ވިދާޅުވީ، ސަރުކާރުން އަމިއްލަ ކުންފުނިތަކަށް ބަދަލުދިނުމާ ގުޅޭ ޝަކުވާއެއް އެ ކޮމިޝަނަށް ހުށަހެޅިފައިވާ ކަމަށާއި އެކަމާ ގުޅިގެން އެ މައްސަލަ ބަލަމުން އަންނަ ކަމަށެވެ.

އުސޫލުތަކުގެ ބޭރުން ބާތިލްކޮށްފައިވާ އެއްބަސްވުންތަކުގެ ބަދަލުގައި އަމިއްލަ ކުންފުނިތަކަކަށް ދައުލަތުން ގިނަ އަދަދަކަށް ފައިސާ ދީފައިވާ މައްސަލަ އޭސީސީން ތަހުގީގު ކުރަން ފަށައިފިކަން ހާމަކުރައްވަމުން އެކޮމިޝަންގެ މެމްބަރ އިބްރާހިމް ޝަކީލު ވިދާޅުވީ ހުރިހާ ސެޓަލްމެންޓުތަކާ ގުޅޭ ބޮޑު އެއް މައްސަލައިގެ ގޮތުގައި އެމައްސަލަ ހުށަހެޅިފައިވާ ކަމަށެވެ.

"މިހާރަކަށް އައިސް ހަދައިގެން އުޅޭ ހުރިހާ ސެޓަލްމެންޓުތަކާ ގުޅޭ ބޮޑު އެއް މައްސަލައިގެ ގޮތުގައި އެ މައްސަލަ ހުށަހެޅިފައި ވަނީ. އަޅުގަނޑުމެން އެ މައްސަލަ ބަލަމުންދާ އިރު އެއިން ކޮންމެ ސެޓަލްމެންޓެއް ވަކި ވަކިން ތަހުގީގުކޮށްގެން ކުރިއަށްދާނީ،" ކޮމިޝަނުގެ މެމްބަރު އިބްރާހިމް ޝަކީލު ވިދާޅުވި އެވެ.

ދާދި ފަހުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ރައްޔިތުން މަޖިލީހުގައި ހާމަކުރެއްވި ގޮތުގައި، މި ސަރުކާރު އައިފަހުން އަމިއްލަ ކުންފުނިތަކަށް ވަނީ ބަދަލުގެ ގޮތުގައި ބިލިއަނެއްހާ ރުފިޔާ ދޫކޮށްފަ އެވެ.

އެންމެ ފަހުން ފައިސާ ދޫކުރި ނޫމަޑިއަށް ބަދަލެއްގެ ގޮތުގައި 50 މިލިއަން ޑޮލަރު (ރަސްމީ ރޭޓުން 848.10 މިލިއަން ރުފިޔާ) ދޫކުރި މައްސަލައިގައި ސަރުކާރަށް ވަނީ ފާޑުކިޔުން އަމާޒުވެފަ އެވެ. އަދި އެކަމުގައި ނުހަމަ ކަންތައްތަކެއް ހިނގި ކަމަށް ވެސް ވަނީ ތުހުމަތުވެފަ އެވެ.

 

މިއަދު އޮންލައިން