ކުށްމަދު އަމާން މާހައުލެއް ރަށްރަށުގައި ޤާއިމު ކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ހއ. އަތޮޅުގައި ފުލުހުންގެ ޚިދުމަތް ގާއިމުވެފައި ނެތް ރަށްރަށަށް އަމާޒުކޮށްގެން ހއ. ދިއްދޫ ޕޮލިސް ސްޓޭޝަނުން “އޮޕަރޭޝަން ނިޔާމަ” ގެ ނަމުގައި ޚާއްސަ އޮޕަރޭޝަނެއް ފަށައިފިއެވެ.
މިހިނގާ އޮކްޓޯބަރު މަހުގެ 14 ވަނަ ދުވަހުގެރޭ ފެށި މި އޮޕަރޭޝަނުގައި، އާންމު އިޖުތިމާޢީ މިންގަނޑުތަކާއި ޚިލާފް ޢަމަލުތަކަކީ ކޮބައިކަމާއި އެކަންކަން ހުއްޓުވުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން މަޢުލޫމާތު ދިނުމަށްވަނީ ހަމަޖެހިފައެވެ. އެގޮތުން އަވަށްޓެރިންނަށް އުނދަގޫކުރުމަކީ ކޮބައިކަމާއި މަގުހިނގާ މީހުންނަށް އުނދަގޫ ކުރުމަކީ ކޮބައިކަމާއި ގުޅޭގޮތުން މަޢުލުމާތު ދިނުމަށް ހަމަޖެހިފައިވެއެވެ. އަދި ދަންވަރު ވަގުތުތަކުގައި ކުޑަކުދިން ޒިންމާދާރު މީހަކާއި އެކުގައި ނޫން ގޮތަކަށް މަގުމަތީގައި އުޅުނަ ނުދިނުމާއި ގުޅޭގޮތުންނާއި ކުދިން ކުށްތަކަށް އަރައިގަތުމަށް މަގުފަހިވެގެންދާ ސަބަބުތަކާއި ގުޅޭގޮތުންވެސް މަޢުލޫމާތުދިނުމަށް ހަމަޖެހިފައިވެއެވެ.
މީގެ އިތުރުން އެ އަތޮޅުގެ ރަށްތަކުގައި ހިންގާ ކުށުގެ އަމަލުތައް ހުއްޓުވުމަށްޓަކައި، ގްރޫޕް ހަދައިގެން ރަށުތެރޭގައި މީހުން އެއްވެ އުޅޭ ސަރަޙައްދުތަކާ އަދި އެރަށްތަކުގައި ދުއްވާ އެއްގަމު އުޅަނދުތައް ދުއްވަނީ އެއްގަމު އުޅަނދު ދުއްވުމުގެ ޤާނޫނާއި ޤަވާއިދާއި އެއްގޮތަށްތޯ ބެލުމަށްޓަކައި އެއުޅަނދުތައް ބަލައިފާސްކުރުމަށް ހަމަޖެހިފައިވެއެވެ.
ހއ.އަތޮޅުގައި ފުލުހުން ނުތިބޭ 07 ރަށަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ މި އޮޕަރޭޝަން ރޭ ފަށާފައިވަނީ މާރަންދު އާއި ތަކަންދޫގައެވެ.
މި އޮޕަރޭޝަނަކީ ސިލްސިލާކޮށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އޮޕަރޭޝަނެކެވެ.