ނ.މަނަދޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު 18 އަހަރުން ދަށުގެ ކުއްޖަކު ހައްޔަރުކޮށްފިއެވެ.
މިކުއްޖާ ހައްޔަރުކޮށްފައިވަނީ މާލެއިން ނ.އަތޮޅަށް ދަތުރުކުރަމުންދާ ފެރީ ލޯންޗަކުން މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނުގައި ކޯޓު އަމުރެއްގެ ދަށުން އޮކްޓޫބަރު 14 ވަނަ ދުވަހުގެ 10:33 އެހައިކަންހާއިރު މާފަރު ބަނދަރު ސަރަޙައްދުންނެވެ.
މިކުއްޖާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ހުރި ބުލެޓް ސައިޒުގެ ދެ ރަބަރު ޕެކެޓް ފެނިފައިވެއެވެ.
މިމައްސަލަ ނ.މަނަދޫ ޕޮލިސް ސްޓޭޝަނުން ގެންދަނީ ތަޙުޤީޤު ކުރަމުންއެވެ.