ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދަށް މަރުގެ އިންޒާރުދިން މައްސަލަ ބަލަމުން އަންނަ ކަމަށް ފުލުހުން ބުނެފިއެވެ.
މިކަމާގުޅިގެން ފުލުހުން ބުނެފައިވަނީ ސޯޝަލް މީޑިއާގައި މަރުގެ އިންޒާރު ދޭ ހުރިހާ މައްސަލައެއް ތަހުގީގު ކުރާ ކަމަށާއި ސީޕީ ހަމީދަށް ވެސް އެ ފަދަ އިންޒާރެއް ދިން މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
މޯލްޑިވިއަން ޑިމޮކްރެސީ ނެޓްވޯކް (އެމްޑީއެން) ގައި މީގެކުރިން ސީޕީ ހަމީދު މަސައްކަތް ކުރެއްވި ކަމަށް ބުނެ އެމަނިކުފާނުގެ އިސްތިއުފާ އަށް ވެސް ބައެއް ފަރާތްތަކުން ސޯޝަލް މީޑިޔާގައި އަންނަނީ ގޮވާލަމުންނެވެ.
އަދި އެމްޑީއެން އަށް ފިިޔަވަޅު ނާޅައިގެން ނުރުހުން ފާޅުކުރި މީހަކު ވަނީ ތޫނު އެއްޗަކުން ހަމީދަށް ހަމަލާދޭ ފޮޓޯއެއް ސޯޝަލް މީޑިއާގައި އާއްމުކޮށްފައެވެ.
ފުލުހުން ވިދާޅުވީ ފުލުހުންގެ ވަޒީފާ އަދާކުރައްވަމުން އެމްޑީއެންގެ އެއްވެސް މަގާމެއް ސީޕީ ހަމީދު އަދާކުރައްވާފައި ނުވާ ކަމަށާއި އަދި އެ ޖަމިއްޔާގައި ވެސް މަސައްކަތް ކުރައްވާފައި ނުވާ ކަމަށެވެ. އެހެންނަމަވެސް ފުލުހުންގެ ވަޒީފާއިން ދުރުގައި ހުންނެވި ދުވަސްވަރު، އަމިއްލަ ހައިސިއްޔަތުން އެމްޑީއެންގައި މަސައްކަތް ކުރައްވާފައި ވަނީ ވަރަށް ކުޑަ ދުވަސްކޮޅެއްގައި ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މިހާރު ތަހުގީގު ކުރަމުންދާ އެމްޑީއެންގެ ރިޕޯޓުގެ އެއްވެސް މަސައްކަތެއްގައި ސީޕީ ބައިވެރިވެވަޑައިގެންފައެއް ނުވާނެކަމަށް ފުލުހުން ބުނެފައިވެއެވެ.