އިސްލާމް ދީނަށް ފުރައްސާރަކޮށް މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން ނެރުނު ރިޕޯޓާ ގުޅިގެން ހ. ސެލްވޭޝަން، ފާތިމަތު އަޒްރާ ނަސީމް ފުލުހުންގެ ތަހުގީގަށް ހާޒިރުވުމަށް އަންގާ އިއުލާންކޮށްފި އެވެ.
އަޒްރާގެ ފޮޓޯއާއެކު ފުލުހުންގެ ވެބްސައިޓުގައި އާންމުކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ އަޒްރާ އަކީ ފުލުހުންގެ ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ މައްސަލައިގެ ތަހުގީގަށް ހާޒިކުރަން ބޭނުންވާ މީހެއް ކަމަށާއި ނަމަވެސް އޭނާ އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުންނާއި އޭނާ އުޅޭ ތަނެއް އާއިލާއަށް ވެސް އެނގިފައި ނުވާތީ ތަހުގީގަށް ހާޒިރުވުމަށް ޗިޓް ރައްދުކުރެވިފައި ނުވާ ކަމަށެވެ.
ފުލުހުންގެ ތަހުގީގަށް ޝަހީދު ހުސައިން އާދަމް ބިލްޑިންއަށް ހާޒިރުވުމަށް އަޒްރާއަށް އަންގާފައިވަނީ ކުރިއަށް އޮތް ނޮވެމްބަރު މަހުގެ ފަސްވަނަ ދުވަހުގެ މެންދުރުފަހު 13:00 ގައެވެ.
ފުލުހުންގެ އިދާރާއަށް އަޒްރާ ހާޒިރުކުރަނީ އެމްޑީއެން އިން "ޕްރިލިމިނަރީ އެސެސްމަންޓް އޮފް ރެޑިކަލައިޒޭޝަން އިން ދަ މޯލްޑިވްސް"ގެ ނަމުގައި ޝާއިއުކުރި ރިޕޯޓް ނެރުމުގައި އަޒްރާގެ ބައިވެރިވުމެއްވާ ކަމަށް ތުހުމަތު ކުރެވޭތީ ކަމަށްވެސް ފުލުހުން ވަނީ ބުނެފަ އެވެ.