ކުށްމަދު އަމާން މާހައުލެއް ރަށްރަށުގައި ޤާއިމު ކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ތ. އަތޮޅުގެ ރައްޔިތުން ހޭލުން ތެރިކުރުމަށް މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ވޭމަންޑޫ ޕޮލިސް ސްޓޭޝަނުން ފަށައިފިއެވެ.
ތ. އަތޮޅުގައި ފުލުހުންގެ ސްޓޭޝަންތައް ޤާއިމު ކޮށްފައި ނެތް ރަށްތަކަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ މިޕްރޮގްރާމް ފަށާފައިވަނީ މި އޮކްޓޯބަރ މަހުގެ 18 ވަނަ ދުވަހު ބުރުނީގައެވެ.
އެގޮތުން ކުށްމަދު ކުރުމަށް އާންމު ރައްޔިތުން ސަމާލުކަންދޭންވީ ކަންކަމާއި ގުޅޭގޮތުން މަޢުލޫމާތު ދީފައިވެއެވެ. އަދި ކުށުގެ ވެށިން ސަލާމަތްވުމަށްޓަކައި އަމިއްލަ ފަރުދެއްގެ ހައިސިއްޔަތުން ކުރެވިދާނެ ކަންކަމާއި ސަމާލުކަންދޭންވީ ކަންކަމާ އަދި ކުށެއް ހިނގައިފިނަމަ އަމަލުކުރަންވީ ގޮތާއި ގުޅޭގޮތުން މަޢުލޫމާތު ދީފައިވެއެވެ.
އަދި ފިހާރަތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ކުރެވިދާނެ ކަންކަމާއި މަކަރާއި ހީލަތުން ފައިސާ ހޯދުމަށް އަންނަމުންދާ ފޯން ކޯލްތަކަށް ޖަވާބުދާރީ ނުވުމާއި އެފަދަ ކަންކަމުން ރައްކާތެރިވެ ތިބުމަށް ނަސޭހަތްތެރިވެފައިވެއެވެ. އަދި ފިހާރަތަކުގައި ސީސީޓީވީ ކެމެރާ ހަރުކުރުމަށް އިރުޝާދު ދީފައިވެއެވެ.
މީގެއިތުރުން ފުލުހުންނާއި ރައްޔިތުންނާ ދެމެދު އޮންނަ ގުޅުން އިތުރަށް ހަރުދަނާކުރުމަށް ކުރެވިދާނެ ކަންތައްތަކާއި މުޖުތަމަޢުގައި ދިމާވާ އިޖްތިމާޢީ މައްސަލަތައް ހައްލުކުރުގައި ފުލުހުންނާއި ރައްޔިތުން ގުޅިގެން ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން މަޝްވަރާކޮށްފައިވެއެވެ.
މި ޕްރޮގްރާމަކީ ތ. އަތޮޅުގައި ފުލުހުންގެ ސްޓޭޝަންތައް ޤާއިމު ކޮށްފައި ނެތް ހުރިހާ ރަށްތަކަށް އަމާޒުކޮށް ސިލްސިލާކޮށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޕްރޮގްރާމެކެވެ.