ކުށްމަދު އަމާން މާހައުލެއް ޤާއިމު ކުރުމަށް ސުކޫލް ދަރިވަރުން ހޭލުންތެރިކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތް ތަކުގެ ތެރެއިން ފ. ފީއަލި ޕޮލިސް ޑެސްކާއި ނިލަންދޫ ޕޮލިސް ސްޓޭޝަން ގުޅިގެން، ފ. އަތޮޅު މަދަރުސާގެ ދަރިވަރުންނަށް ޓްރެފިކް އެވެއަރނަސް ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.
އެ މަދަރުސާގެ ގްރޭޑް 6 އިން ގްރޭޑް 9 އަށް ތަޢުލީމު ހާސިލުކުރަމުންދާ ދަރިވަރުންނަށް ކުރިއަށް ގެންދިޔަ މި ޕްރޮގްރާމްގައި އެސްކޫލުގެ 75 ދަރިވަރުން ބައިވެރިވިއެވެ.
މިހިނގާ އޮކްޓޯބަރ މަހުގެ 17 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ޕްރޮގްރާމްގައި، މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭގޮތުން މަޢުލޫމާތު ދީފައިވެއެވެ. އެގޮތުން މަގުމަތީގައި ހިނގާބިނގާވެ އުޅުމުގައި ދަރިވަރުން ސަމާލުކަންދޭންޖެހޭ ކަންތައްތަކާއި ބައިސްކަލު ދުއްވާއިރު ސަމާލުކަން ދޭންޖެހޭ ކަންތައްތަކަށް ދަރިވަރުން ހޭލުން ތެރިކުރުމުގެ ގޮތުން މަޢުލޫމާތު ދީފައިވެއެވެ. އަދި އެކްސިޑެންޓްތައް މަދުކުރުމަށް ދަރިވަރުންގެ ފެންވަރުގައި ކުރެވިދާނެ ކަންތައްތަކާއި އެކްސިޑެންޓެއް ހިނގައިގެން އުޅޭ ހާލަތުގައި އަމަލުކުރާނެ ގޮތްތައް ބުނެދީފައިވެއެވެ.