ފުލުހުންނަކީ ތަޢުލީމީ ޤާބިލް ބަޔަކަށް ހެދުމަށް ކުރަމުންދާ މަަސައްކަތްތަކުގެ ތެރެއިން ގއ އަދި ގދ. އަތޮޅުގައި މަސައްކަތްކުރާ ފުލުހުންނަށް އަމާޒުކޮށްގެން ތަމްރީނު ޕްރޮގްރާމެއް ހިންގައިފިއެވެ.
‘ޓްރެއިނިންގ އޮން ޓްރެފިކިންގ އިން ޕަރސަން’ ގެ ނަމުގައި، މި އޮކްޓޯބަރ މަހުގެ 20 ވަނަ ދުވަހުން ފެށިގެން ދެ ދުވަހުގެ މުއްދަތަށް ގއ.ވިލިނގިލީ ޔޫތު ސެންޓަރގައި ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި ހިއުމަން ޓްރެފިކިންގގެ ބާވަތްތަކާއި އެފަދަ މައްސަލަތައް ދެނެގަންނާނެ ގޮތްތަކާ ގުޅޭގޮތުން މައުލޫމާތު ދީފައިވެއެވެ.
އަދި އެފަދަ ކަންކަމުން ރައްކާތެރިވުމަށް ކުރެވިދާނެ ކަންތައްތަކާއި އެފަދަ މައްސަލަތައް ރާއްޖޭގައި އޮތް މިންވަރާއި މިކަންކަން ހުއްޓުވުމަށް އެންމެން ގުޅިގެން މަސައްކަތްކުރެވިދާނެ ގޮތްތަކާ ގުޅޭގޮތުން މައުލޫމާތު ދީފައިވެއެވެ.
ޕޮލިސް އެކަޑަމީން ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި މަޢުލޫމާތު ދީފައިވަނީ ފުލުހުންގެ އިތުރުން މޯލްޑިވްސް ކަސްޓަމްސް ސަރވިސް އާއި މޯލްޑިވްސް އިމިގްރޭޝަންގައި މަސައްކަތްކުރާ މުދައްރިބުންނެވެ.
ދެ ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި އެ ދެ އަތޮޅުން ޖުމްލަ 24 ފުލުހުން ބައިވެރިވެފައިވެއެވެ.