ނ. ލަންދޫ ޕޮލިސް ސްޓޭޝަނުނާއި އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު މީހަކު މާޅެންދޫން ހައްޔަރުކޮށްފިއެވެ.
މާޅެންދޫގައި މަސްތުވާތަކެތި ގެންގުޅެ މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ހިންގި މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ 20 އަހަރުގެ ފިރިހެނެކެވެ.
މި އޮކްޓޯބަރު މަހުގެ 21 ވަނަ ދުވަހު ހިންގި މިއޮޕަރޭޝަނުގައި، އެރަށު ހުޅަނގު ފަރާތު ބަނދަރު ސަރަހައްދުން އޭނާ ހުއްޓުވައި ފުލުހުންގެ ބެލުމުގެ ދަށަށްގެނެސް ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ހުރި ރަބަރު ޕެކެޓެއް ފެނިފައިވެއެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައިވާ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ނ. ކެނދިކުޅުދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 10 ދުވަހުގެ މުއްދަތު ދީފައިވެއެވެ.