ނުކުޅެދުންތެރިކަން ހުރުމަކީ ކަންކަން ނުކުރެވޭނެކަމަށް ޤަބޫލުކުރަންވީ ސަބަބެއް ނޫން: ނައިބު ރައީސް

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 29ސ
ނުކުޅެދުންތެރިކަން ހުރުމަކީ ކަންކަން ނުކުރެވޭނެކަމަށް ޤަބޫލުކުރަންވީ ސަބަބެއް ނޫން: ނައިބު ރައީސް

ނުކުޅެދުންތެރިކަން ހުރުން އެއީ ކަންކަން ނުކުރެވޭނެކަމަށް ޤަބޫލުކުރަންވީ ސަބަބެއް ނޫންކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.

ނައިބު ރައީސް މިހެންވިދާޅުވީ "ދިރާގު ސްޕެޝަލް ސްޕޯޓްސް ފެސްޓިވަލް 2019" ޝަރަފުވެރި ކޮށްދެއްވައި ދެއްކެވިވާހަކަފުޅުގައެވެ.

މިއަދު ހަވީރު ހެންވޭރު ދަނޑުގައި ކުރިޔަށްދިޔަ މި މުބާރާތް ޝަރަފުވެރި ކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ ސަރުކާރުގެ ސިޔާސަތަކީ އެއްވެސް ކުއްޖަކު ބާކީނުކޮށް ކޮންމެ ކުއްޖަކީވެސް ޤާބިލުކުއްޖަކަށް ހެދުންކަމަށާއި އަދި ނުކުޅެދުންތެރިކަން ހުރުން އެއީ ކަންކަން ނުކުރެވޭނެކަމަށް ޤަބޫލުކުރަންވީ ސަބަބެއް ނޫންކަން ފާހަގަކުރައްވައި ބައިނަލްއަޤްވާމީ ބޮޑެތި މުބާރާތްތަކުން ވެސް މިފަދަ ކުދިން ރަން ވަނަތަށް ހޯދާފައިވާކަން ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ތެރޭގައިވެސް އާދަޔާ ޚިލާފު މޮޅު ހުނަރުތައް ހުރި ފަރާތްތައް ތިބިކަން ފާހަގަކުރައްވައި އެފަރާތްތަކަށް ދައުލަތުގެ ކުންފުނިތަކާއި އަމިއްލަ ކުންފުނިތަކުން ވެސް ވަޒީފާގެ ފުރުޞަތުތައް އިތުރަށް ފަހިކޮށްދޭން ޖެހޭކަން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފާހަގަކުރެއްވިއެވެ.

ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް އަމާޒުކޮށް ދިރާގުން އިންތިޒާމުކޮށްގެން ބާއްވާ މި ސްޕޯޓްސް ފެސްޓިވަލަކީ ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންނަށް އެހީވެދޭ ބައެއް ޖަމުޢިއްޔާތަކާ ސްކޫލުތައް ގުޅިގެން ބާއްވާ ހަރަކާތެކެވެ. ޕެރަ އޮލިންޕިކްސްގައި ހިމެނޭ ބައެއް ކުޅިވަރުތަކަށް ކުދިން ތަމްރީނު ކުރެވޭގޮތަށް ބައްޓަންކޮށްގެން ކުރިޔަށްގެންދާ ސްޕޯސް ފެސްޓިވަލް ބޭއްވުމުގެ މަޤްޞަދަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ކުޅިވަރުތަކުގައި ބައިވެރިވެ ވާދަކުރުމުގެ ފުރުޞަތު ތަނަވަސްކޮށްދިނުމެވެ. މިއަހަރުގެ މުބާރާތުގައި ޖުމްލަ 400 ކުދިން ބައިވެރިވެފައިވެއެވެ.
 

 

މިއަދު އޮންލައިން