ވ. ފުލިދޫގައި ހުންނަ "ވ. އަތޮޅު ސްކޫލް" ގެ ޕްރީސްކޫލް ޓީޗަރެއް، އެސްކޫލްގައި ތައުލީމު ހާސިލު ކުރަމުންދާ އޯޓިޒަމް ކުއްޖަކަށް އަނިޔާކުރި ވީޑިއޯއެއް ސޯޝަލް މީޑިއާގައި ފެންމަތިވެއްޖެއެވެ.
މިއީ ކޮން ދުވަހަކު ހިނގާފައިވާ ކަމެއްކަން ހާމަވެފައި ނެތް ނަމަވެސް، މައުލޫމާތު ލިބިފައިވާ ގޮތުގައި، އެވީޑިއޯއަކީ "ޒޫނާ" ނަމަކަށް ކިޔާ ޕްރީސްކޫލް ޓީޗަރެއް އެސްކޫލްގައި ތައުލީމު ހާސިލް ކުރަމުން އަންނަ އޯޓިސްޓިކް ކުއްޖަކަށް އަނިޔާކުރާ މަންޒަރު ދައްކުވައިދޭ ވީޑިއޯއެކެވެ.
ވީޑިއޯގެ އަޑު ނުސާފު ނަމަވެސް، އޭގެން ފެންނަނީ ސްކޫލްގެ ކޮންމެވެސް ކަހަލަ ހަރަކާތަކަށް ކުދިން ސަފުކޮށްފައި ތިއްބައެވެ. އެއްބައި ކުދިން ދިގު ދިދައެއްގެ ދަނޑިގަނޑުގައި ހިފަހައްޓައިގެން ތިބިއިރު، ކުދިންތައް ތިބީ އެކި ކުލައިގެ ޓީޝާޓު ލައްވާ ގްރޫޕް ކޮށްފައެވެ.
އެގޮތުން އަނިޔާ ލިބިފައިވަނީ ރަތް ކުލައިގެ ޓީޝާޓެއް ލައިގެން ހުރި ކުއްޖަކަށެވެ. ސަފުގެ އެންމެ ކުރީގައި އެކުއްޖާ ހުރިއިރު އޭނާގެ ކައިރީގައި އެހެން ޓީޗަރެއް ވެސް ހުރެއެވެ. "ޒޫނާ" އެވަގުތު އެކުއްޖާ ކައިރިއަށް ގޮސް، އެކުއްޖާ ސަފުގައި މަޑުން ނުހުރުމުން އަތަށް ދަމާލާފައި، ކޮލުގައި އެއް އަތުން ޖަހާލައެވެ. އަދި "ރީތިކޮށް މަޑުން" ހުރުމަށް ބުނާކަހަލަ ގޮތަކަށް އެކުއްޖާއާއި ދިމާލަށް އިނގިލި ދިއްކޮށްފަ ކޮންމެވެސް އެއްޗެއް ބުނާކަން ވެސް އެނގެއެވެ.
"ޒޫނާ" ގެ އެއަމަލުން އެކުއްޖާ ރޯން ނުފެށިކަމުގައި ވިޔަސް، އެފަދައިން ކަންތައް ކުރުމުން އެކުއްޖާ ކައިރީގައި ހުރި ޓީޗަރުވެސް ހިތްހަމަ ނުޖެހުންކަން އޭނާގެ މޫނުމަތިން ފާޅުވެއެވެ.
https://www.facebook.com/ibrahim.shafiu.144/videos/2084522118314942/