2016 ވަނަ އަހަރުގެ ޖޫން މަހުގެ 3 ވަނަ ދުވަހު، ތޫނު އެއްޗަކުން ހަމަލާދީ މަރާލި މ. ސަރުމާގޭ ފާތިރު މުޙައްމަދު އަލީ (14އ.) ގެ މަރުގެ މައްސަލައިގައި، ގޮތްނޭގޭގޮތަށް ގެއްލިފައިވާ މީހުންނާއި މަރާލާފައިވާ މީހުންގެ މަރުތައް ތަޙްޤީޤްކުރުމަށް އުފައްދާފައިވާ ރިޔާސީ ކޮމިޝަނުން އިއުލާން ކޮށްފިއެވެ.
އެކޮމިޝަނުން ރޭގެ ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ މ.ކުރިރުއްގެ، އިރުފާން ރުޝްދީއަކީ އެކޮމިޝަނުން ބަލަމުންދާ މައްސަލައަކާއި ގުޅިގެން ހޯދާނުފެނިފައިވާ މީހެއްކަމަށެވެ. މި މީހާއާއި ގުޅޭއެއްވެސް މައުލޫމާތެއް އެގޭ މީހަކު ހުރިނަމަ އެ މައުލޫމާތު އެ ކޮމިޝަނާއި ހިއްސާކުރުމަށް ވަނީ އެދިފައެވެ.
އިރުފާން ރުޝްދީ ހޯދުމަށް 2016 ވަނަ އަހަރު ފުލުހުންވެސް ވަނީ އިއުލާން ކޮށްފައެވެ. ނަމަވެސް އެއިރުވެސް އޭނާ ހޯދިފައެއް ނުވެއެވެ.
އެނގިފައިވާ ގޮތުގައި ފާތިރު މަރާލާފައިވަނީ، ދެ ގްރޫޕެއްގެ ދެމެދުގައި ހިނގި ހަމަނުޖެހުމެއްގައެވެ. އެގޮތުން ހަމަ އެދުވަހު "އަޙްމަދު އިރުޝާން ހިލްމީ" ނަމަކަށް ކިޔާ އުމުރުން 14 އަހަރުގެ ކުއްޖަކަށް ހަމަލާދީ މަރާލިއިރު، ފާތިރަށް ހަމަލާދިނީ އެކަމަށް ބަދަލު ހިފަން ކަމުގައިވެސް އެއިރުގެ ރިޕޯޓުތަކުން ހާމަވެފައިވެއެވެ.
ފާތިރަށް ހަމަލާ ދިނުމުގައި އިރުފާން ރުޝްދީ އާއެކު އުމުރުން 15 އަހަރުގެ (މިހާރު 18 އަހަރުގެ) އިބާދަތު ލަތީފު ކިޔާ ކުއްޖެއްވެސް ބައިވެރިވި ކަމަށް މައުލޫމާތު ލިބިފައިވެއެވެ. ފުލުހުން ހިންގި ޚާއްސަ އޮޕަރޭޝަނެއްގެ ދަށުން ހުޅުމާލެއިން އިބާދަތު ހައްޔަރުކޮށް، ޖުވެނައިލް ޑިޓެންޝަނަކަށް އެއިރު ގެންދެވުން ނަމަވެސް، އިރުފާން ފެނިފައެއް ނުވެއެވެ.