މީގެ ތިން އަހަރު ކުރިން މާލޭގައި ހިނގި ގްރޫޕް މާރާމާރީއެއްގައި ތޫނު އެއްޗަކުން ހަމަލާދީ މަރާލި، އުމުރުން 14 އަހަރުގެ ފާތިރު މުޙައްމަދުގެ މަރުގެ މައްސަލަ ތަހުގީގު ކުރުމަށް، މަރުތަކާއިބެހޭ ރިޔާސީ ކޮމިޝަނުން ހޯދަމުން ދިޔަ އިރުފާން ރުޝްދީ (25އ.) ރޭ ހައްޔަރު ކޮށްފިއެވެ.
މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ ތަރުޖަމާނު ސުޕްރައިންޓެންޑެންޓް އޮފް ޕޮލިސް އިޒްމިއާ ޒާހިރު ވިދާޅުވީ އިރުފާން ފެނިފައިވަނީ، ހާލުގައި ޖެހި އޮޔާދިޔަ ލޯންޗަކުން، އިތުރު ތިން މީހުންނާއެކު ކަމަށެވެ.
"26 އޮކްޓޯބަރ 2019 ވަނަ ދުވަހުގެ 1:00 ހާއިރު ގދ. ތިނަދޫ އާއި 15 މޭލު ބޭރުން 'ބްލޫ ވޭވް' ނަމަކަށް ކިޔާ ލޯންޗެއް ހަތަރު މީހުންނާއިއެކު ދަތުރ ކުރަމުން ދަނިކޮށް ޕެޓްރޯލް ހުސްވެ، އޮޔާދާ ކަމުގެ މައުލޫމާތު އެމްއެންޑިއެފް އިން ފުލުހުންނަށް ދީފައިވޭ. އޭގެ ފަހުން ލޯންޗު ތިނަދޫއަށް ފަތިހު 4:22 ހާއިރު ގެނެވި ފުލުހުންނަށް އެލޯންޗުގައި ޝައްކު ކުރެވޭ ކަންތައްތަކެއް ހުރުމުން، އޭގައި ތިބި ހަތަރު މީހުން ތިނަދޫ ޕޮލިސް ސްޓޭޝަނަށް ގެނެސް ބެލި ބެލުމުން، އިރުފާން ރުޝްދީ ވެސް އެމީހުންގެ ތެރޭގައި ހިމެނޭކަން ވަނީ އެނގިފަ. އޭނާއަކީ ގޮތް ނޭނގޭ މަރުތަކާއި ގެއްލިފައިވާ މީހުންގެ މައްސަލަބަލާ ރިޔާސީ ކޮމިޝަނުން ހޯދަމުންދާ މީހެއް. އިރުފާން ރުޝްދީ މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފަ" އިޒްމިއާ ވިދާޅުވިއެވެ.
މީގެއިތުރުން އިޒްމިއާ ވިދާޅުވީ އިރުފާނާއިއެކު ދެން ތިބި މީހުންވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ކަމަށެވެ.
އިރުފާން ރުޝްދީ ހޯދުމަށް 2016 ވަނަ އަހަރު ފުލުހުންވެސް ވަނީ އިއުލާން ކޮށްފައެވެ. ނަމަވެސް އެއިރުވެސް އޭނާ ހޯދިފައެއް ނުވެއެވެ.
އެނގިފައިވާ ގޮތުގައި 2016 ވަނަ އަހަރުގެ ޖޫން މަހުގެ 3 ވަނަ ދުވަހު ފާތިރު މަރާލާފައިވަނީ، ދެ ގްރޫޕެއްގެ ދެމެދުގައި ހިނގި ހަމަނުޖެހުމެއްގައެވެ. އެގޮތުން ހަމަ އެދުވަހު "އަޙްމަދު އިރުޝާން ހިލްމީ" ނަމަކަށް ކިޔާ އުމުރުން 14 އަހަރުގެ ކުއްޖަކަށް ވެސް ހަމަލާދީ މަރާލިއިރު، ފާތިރަށް ހަމަލާދިނީ އިރުޝާންގެ މަރުގެ ބަދަލު ހިފަން ކަމުގައިވެސް އެއިރުގެ ރިޕޯޓުތަކުން ހާމަވެފައިވެއެވެ.
ފާތިރަށް ހަމަލާ ދިނުމުގައި އިރުފާން ރުޝްދީ އާއެކު އުމުރުން 15 އަހަރުގެ (މިހާރު 18 އަހަރުގެ) އިބާދަތު ލަތީފު ކިޔާ ކުއްޖެއްވެސް ބައިވެރިވި ކަމަށް މައުލޫމާތު ލިބިފައިވެއެވެ. ފުލުހުން ހިންގި ޚާއްސަ އޮޕަރޭޝަނެއްގެ ދަށުން ހުޅުމާލެއިން އިބާދަތު ހައްޔަރުކޮށް، ޖުވެނައިލް ޑިޓެންޝަނަކަށް އެއިރު ގެންދެވުން ނަމަވެސް، އިރުފާން ފެނިފައެއް ނުވެއެވެ.