ހދ. މަކުނުދޫ ސްކޫލުގެ ދަރިވަރުންނަށް އަމާޒުކޮށްގެން ފަތަން ދަސްކޮށްދިނުމުގެ ޕްރޮގްރާމެއް ފަށައިގެން ކުރިއަށް އެބަދެއެވެ.
މިއަހަރުގެ ސެޕްޓެމްބަރު 22 ވަނަ ދުވަހުން ފެށިގެން ނޮވެމްބަރު 9 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމުގައި ކުލާސްތައް ކުރިއަށް ގެންދަނީ ކޮންމެ ހަފްތާއެކު ހަތަރު ދުވަހުއެވެ.
މި ޕްރޮގްރާމުގައި މޫދަށް އެރިއުޅުމުގައި ސަމާލުކަންދޭންވީ ކަންކަމާއި ތިމާއާއި އަނެކުންގެ ސަލާމާތާއި ރައްކާތެރިކަމަށް ކުރެވިދާނެ ކަންކަމާއި މޫދުގައި އުޅޭއިރު ދިމާވާ ހާދިސާތަކުގައި އަމަލުކުރާނެ ގޮތުގެ މަޢުލޫމާތު ދަރިވަރުންނަށް ދިނުމަށްވަނީ ހަމަޖެހިފައެވެ. އަދި ދަރިވަރުންނަށް ފްލޯޓްކުރާނެ ގޮތާއި ފެތުމުގެ އަސާސީ ހުނަރުތައް ދަސްކޮށްދިނުމަށްވަނީ ހަމަޖެހިފައެވެ.
ހދ. މަކުނުދޫ ސްކޫލާއި ހދ. މަކުނުދޫ ޕޮލިސް ސްޓޭޝަން ގުޅިގެން ކުރިއަށް ގެންދާ މި ޕްރޮގްރާމުގައި ކުލާސްތައް ކުރިއަށް ގެންގޮސްދެނީ މިފަދަ ޕްރޮގްރާމެއް ހިންގުމުގެ ތަޖުރިބާ ލިބިފައިވާ ފުލުހުންނެވެ.