ދެކުނު އޭޝިޔާގެ އަދަބީ މަހާސަމާގައި ރާއްޖެއިން ބައިވެރިވި ޓީމުގައި ފުލުހަކު ހިމެނިއްޖެ

ކިޔުމަށް ހޭދަވާނީ 1މ 8ސ
ދެކުނު އޭޝިޔާގެ އަދަބީ މަހާސަމާގައި ރާއްޖެއިން ބައިވެރިވި ޓީމުގައި ފުލުހަކު ހިމެނިއްޖެ

ސާކު ގައުމުތަކުގެ ލިޔުންތެރިންނާއި އަދަބިއްޔާތާ ބެހޭ ޖަމިއްޔާއިން އިންތިޒާމްކޮށްގެން ބޭއްވި ދެކުނު އޭޝިޔއާގެ އަދަބީ މަހާސަމާގައި ދިވެހިރާއްޖެއިން ބައިވެރިވި ޓީމުގައި ފުލުހަކު ހިމެނިއްޖެއެވެ.

މި މަހާސަމާގައި ދިވެހިރާއްޖެ ތަމްސީލުކުރުމަށްޓަކައި ދިވެހިބަހުގެ އެކެޑަމީގެ ރައީސްގެ އިތުރުން ބައިވެރިވި 10 އަދީބުންގެ ތެރޭގައި ހިމެނިފައިވަނީ ޕޮލިސް ސާޖަންޓް ފަތުޙުﷲ ޞާލިހެވެ.އިންޑިއާގެ ނިއުދިއްލީގައި މި މަހުގެ 18 ން 20 އަށް  ކުރިއަށްދިޔަ މި މަހާސަމާގައި ބައިވެރިވި ގައުމުތަކުން ވަނީ އެކި ގައުމުތަކުގެ އެކި ބަސްބަހާއި ބަހުރުވަތަކުން އަދަބީ އުފެއްދުންތައް ހުށަހެޅުމާއި ބަސްބަހުގެ އަދަބިއްޔާތާ ބެހޭ ކަރުދާސް ހުށަހެޅުމާއި ފުންނާބު އުސް އަދީބުންގެ ތަޖުރިބާތަކާއި ލަފާތައް ޙިއްސާކުރުމުގެ އިތުރުން ބަސްބަހުގެ އަދަބިއްޔާތު ކުރިއެރުވުމަށްޓަކައި ކުރެވިދާނޭ ކަންތައްތަކާމެދު މަޝްވަރާ ކޮށްފައިވެއެވެ.

ޕާކިސްތާން ފިޔަވައި ދެކުނު އޭޝިޔާގެ ހުރިހާ ގައުމުތަކުން ބައިވެރިވި މި މަހާސަމާގައި ދިވެހިރާއްޖެއިން ހުށަހެޅި ކަރުދާސްތަކުގެ ތެރެއިން ދިވެހި ޅެންވެރިކަމުގެ ބާވަތްތަކާ ބެހޭގޮތުންނާއި ދިވެހި އަދަބިއްޔާތުގެ މުއްސަނދިކަމާ ބެހޭ ގޮތުން  ހުށަހެޅި ކަރުދާސް ހުށަހަޅައިދީފައިވަނީ ޕޮލިސް ސާޖަންޓް ފަތުޙުﷲ ޞާލިހްއެވެ.ޕޮލިސް ސާޖަންޓް ފަތުޙުﷲ ޞާލިޙުވަނީ 2017 ވަނަ އަހަރު އިންޑިޔާގެ ޖައިޕޫރުގައި ބޭއްވި ސައުތު އޭޝިޔާ ޅެންވެރިންގެ ފެސްޓިވަލްގައިވެސް ދިވެހިރާއްޖެ ތަމްސީލްކުރި ފަސް ބައިވެރިންގެރޭގައިވެސް ހިމެނިފައެވެ.

މިއަދު އޮންލައިން