އިހަވަންދޫ ކައުންސިލުން އިންތިޒާމް ކޮށްގެން، އިހަވަންދޫގައި ހުރި ސަރުކާރުގެ މުއައްސަސާތަކުގެ މެދުގައި ކުރިއަށް ގެންދިޔަ ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން އިހަވަންދޫ ޕޮލިސް ޓީމް ހޯދައިފިއެވެ.
މި މުބާރާތުގެ ޗެމްޕިއަންކަން އިހަވަންދޫ ޕޮލިސް ޓީމް ހޯދާފައިވަނީ އޮކްޓޯބަރ 26 ވަނަ ދުވަހުގެ ރޭ ފެނަކަ-އިހަވަންދޫ ބުރާންޗްގެ ޓީމާއި ވާދަކޮށް 1-3 ނަތީޖާ އަކުންނެވެ.
މި މުބާރާތުގެ ފައިނަލް މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ އިހަވަންދޫ ޕޮލިސް ޓީމްގެ، ޕޮލިސް ސްޓޭޝަން އިންސްޕެކްޓަރ ޢަލީ ޙުސައިންނެވެ. އަދި އެންމެ މޮޅު ކޯޗަކަށް ހޮވިފައިވަނީ އިހަވަންދޫ ޕޮލިސް ޓީމްގެ ކޯޗު، ޕޮލިސް ސަރޖަންޓް ޙާމިދު ހަމްދޫނެވެ. އަދި ޑްރީމް ޓީމަށް، އިހަވަންދޫ ޕޮލިސް ޓީމްގެ ސަޕޯރޓް ސަރވިސް އެސިސްޓެންޓް މުޙައްމަދު ވަޙީދު ހިމެނިފައިވެއެވެ. މިއީ އިހަވަންދޫ ޕޮލިސް ޓީމުން މި މުބާރާތް ޖެހިޖެހިގެން ކާމިޔާބު ކުރި ދެވަނަ ފަހަރެވެ.
އޮކްޓޯބަރ 20 އިން 26 އަށް އިހަވަންދޫ ފުޓްސަލް ދަނޑުގައި ކުރިއަށް ގެންދިޔަ އިންޓަރ އޮފީސް ފުޓްސަލް މުބާރާތުގައި ޖުމުލަ 5 ޓީމް ބައިވެރިވިއެވެ. އެއީ ފެނަކަ އިހަވަންދޫ ބުރާންޗް ޓީމާއި، އިހަވަންދޫ ސްކޫލް ޓީމާއި، ކައުންސިލް އައިސްޕްލާންޓް (ސީއައިޕީ) އަދި ކޮމްބައިންޑް ޓީމް (އައިމިނާދިޔޯ ހެލްތު ސެންޓަރ، ބީ.އެމް.އެލް، އިހަވަންދޫ މެޖިސްޓްރޭޓް ކޯޓު) އެވެ.
މި މުބާރާތަކީ އިހަވަންދޫގައި ހުރި ސަރުކާރުގެ މުއައްސަސާތަކުގެ މެދުގައި ގުޅުން ބަދަހި ކުރުމަށާއި އިހަވަންދޫގައި ފުޓްސަލް ކުރިއެރުމުގެ ގޮތުން ކުރިއަށް ގެންދާ މުބާރާތެކެވެ.