މަސްތުވާތަކެތި 2 ރަށަކަށް އެތެރެކުރަން އުޅުން 2 މީހަކު ހައްޔަރުކޮށްފި

ކިޔުމަށް ހޭދަވާނީ 1މ 33ސ
މަސްތުވާތަކެތި 2 ރަށަކަށް އެތެރެކުރަން އުޅުން 2  މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ތ. އަތޮޅުގައި ހިންގި މަސްތުވާތަކެތީގެ ދެ އޮޕަރޭޝަނެއްގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ.

މި ދެ އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ 27 އަހަރުގެ މީހަކާއި 18 އަހަރުގެ މީހެކެވެ. މި ދެ މީހުންނަކީވެސް ދިވެހި ފިރިހެނުންނެވެ.

މި ދެ މީހުންގެ ތެރެއިން 27 އަހަރުގެ މީހާ ހައްޔަރުކޮށްފައިވަނީ ތިމަރަފުއްޓަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމަތަކާ ގުޅިގެން، މި އޮކްޓޯބަރު މަހުގެ 29 ވަނަ ދުވަހުގެ 17:03 އެހައިކަންހާއިރު ހިންގި އޮޕަރޭޝަނެއްގައެވެ. ތިމަރަފުށީ ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސް ގުޅިގެން ހިންގި މި އޮޕަރޭޝަންގައި، އެރަށު ބަނދަރު ސަރަހައްދުން އޭނާ ހުއްޓުވައި ބަލައި ފާސްކުރި އިރު، މަސްތުވާތަކެތި  ހުރި 12 ސެލޯފިންކޮޅާއި މަސްތުވާތަކެތި ހުރި ބްލެޓް ސައިޒްގެ ޕެކެޓެއް ފެނިފައިވެއެވެ.

18 އަހަރުގެ މީހާ ހައްޔަރުކޮށްފައިވަނީ ވޭމަންޑުއަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން މި އޮކްޓޯބަރު މަހުގެ 29 ވަނަ ދުވަހުގެ 11:40 އެހައިކަންހާއިރު ހިންގި އޮޕަރޭޝަނެއްގައެވެ. ވޭމަންޑޫ ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސް ގުޅިގެން  ހިންގި މިއޮޕަރޭޝަންގައި، އެރަށު ބަނދަރު ސަރަހައްދުން އޭނާ ހުއްޓުވައި  ބަލައި ފާސްކުރި އިރު މަސްތުވާތަކެތި ހުރި ޖޫސްޕެޓީ ކޮތަޅަކާއި މަސްތުވާތަކެތި ހުރި ސެލޯފިންކޮޅެއް ފެނިފައިވެއެވެ.

މި ދެ މައްސަލައިގައި ހައްޔަރުކޮށްފައިވާ ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ތ. ވޭމަންޑޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބޭތިއްބުމަށް ހަތް ދުވަހުގެ މުއްދަތު ދެ މީހުންނަށްވެސް ވަނީ ދީފަވެއެވެ.

 

މިއަދު އޮންލައިން