ތ. ގާދިއްފުށިން 18 އަހަރުން ދަށުގެ ކުއްޖަކު މަސްތުވާތަކެއްޗާއެކު ހައްޔަރުކޮށްފިއެވެ.
އެކުއްޖާ ހައްޔަރުކޮށްފައިވަނީ ގާދިއްފުށީގައި މަސްތުވާތަކެތި ބޭނުންކޮށް މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން މި އޮކްޓޯބަރު މަހުގެ 30 ވަނަ ދުވަހު ހިންގި އޮޕަރޭޝަންގައެވެ.
މިއޮޕަރޭޝަނުގައި، ކޯޓު އަމުރެއްގެ ދަށުން އެކުއްޖާ ހައްޔަރުކޮށް އެކުއްޖާ ދިރިއުޅޭ ކޮޓަރި ބަލައި ފާސްކުރިއިރު، މަސްތުވާތަކެތި ހުރި ހަ ސެލޯފިންކޮޅާއި މަސްތުވާތަކެތިހުރި ފިލްމު ހުސްކުރި ދަޅެއް ފެނިފައިވެއެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައިވާ 18 އަހަރުން ދަށުގެ ކުއްޖާގެ ބަންދާމެދު ގޮތެއް ނިންމުމަށް ތ. ވޭމަންޑޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް ހަތް ދުވަހުގެ މުއްދަތުވަނީ ދީފަވެއެވެ.