މ. މުލަކުގައި މަސައްކަތްކުރާ ފުލުހުން އެ އަތޮޅު ވޭވަށު ގޭގެއަށް ޒިޔާރަތްކޮށް މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.
މި ހިނގާ އޮކްޓޯބަރު މަހުގެ 30 ވަނަ ދުވަހު މުލަކު ޕޮލިސް ސްޓޭޝަނުން ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި، ފުލުހުންގެ ފަރާތުން ރައްޔިތުން ބޭނުންވާ ކަންކަން އޮޅުންފިލުވައި ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް އޮޅުންފިލުވާފައިވެއެވެ. އަދި ކުށުގެވެށިން ސަލާމަތްވެ ތިބުމަށާއި މުދަލާއި ގޯތިގެދޮރުގެ ސަލާމަތަށް ރައްކާތެރިވެ ތިބުމަށް ނަޞޭޙަތްތެރިވިއެވެ. އަދި އެއްގަމު އުޅަނދުތަކުގެ ސަލާމަތީ ކަންކަން ހުރިނެތްގޮތް ބަލާފައިވެއެވެ.
މީގެ އިތުރުން ފުލުހުންގެ ފަރާތުން އެއްވެސް ކަމެއް ރައްޔިތުން ބޭނުންވެއްޖެ ހާލަތެއްގައި ނުވަތަ އެއްވެސް މައްސަލައެއް ރިޕޯޓްކުރަން ބޭނުންވެއްޖެ ނަމަ ގުޅާނެ ނަންބަރު ރައްޔިތުންނާ ޙިއްސާކޮށްފައިވެއެވެ.
ސިލްސިލާކޮށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މިޕްރޮގްރާމަށް ވޭވަށު ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ފުލުހުންނަށް ވަނީ ލިބިފައިވެއެވެ.