ފަހުގެ ތާރީޚަށް ނަޒަރު ހިންގާލާއިރު މާލެ ހިމެނޭ ސަރަހައްދުން ސައިކަލު ވަގަށް ނަގާފައިވާ ގޮތަށްބަލާއިރު މިއަހަރުގެ ފުރަތަމަ 6 މަސްދުވަހުގެ ތެރޭގައި 401 ސައިކަލު ވަގަށް ނެގިކަމަށް ރިޕޯޓު ކޮށްފައިވާކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އިން ބުނެފިއެވެ.
މިކަމާގުޅިގެން ފުލުހުން ބުނެފައިވަނީ 401 ސައިކަލު ވަގަށް ނެގިކަމަށް ރިޕޯޓު ކޮށްފައިވާއިރު އޭގެތެރެއިން މިހާތަނަށް ފެނިފައިވަނީ 264 ސައިކަލް ކަމަށާއި ގެއްލިގެން ހުށަހަޅާފައިވާ ސައިކަލުތަކުގެ އަގަށް ބަލާއިރު ގާތްގަނޑަކަށް 21,796,400 (އެކާވިސް މިލިއަން ހަތް ސަތޭކަ ނުވަދިހަ ހަ ހާސް ހަތަރު ސަތޭކަ) ރުފިޔާ އަށް އަރާކަމަށެވެ.
ސައިކަލު ވަގަށް ނަގައިގެން ފުލުހުންނަށް ހުށަހެޅޭ މައްސަލަތައް އިތުރުވަމުންދާތީ، މިކަން ހައްލުކުރުމަށް ރައްޔިތުން ހޭލުންތެރިވެފައިވާ މިންވަރު ބެލުމަށް ފުލުހުންގެ ކްރައިމް ޕްރިވެންޝަން އެންޑް ޕަބްލިކް އެފެއާޒް ޑިޕާޓްމަންޓުން ކުރި ސާވޭއަކުން ދައްކާގޮތުން %38 މީހުންގެ ސައިކަލަކީ އިންސްޓޯލްމެންޓަށް ނަގާފައިވާ ސައިކަލް ކަމަށާއި އަދި %90 މީހުންގެ ސައިކަލްގައި އެލާމް ސިސްޓަމް ހަރުކޮށްފައި ނެތްކަންވެސް ފާހަގަކުރެވިފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ.
މީގެ އިތުރުން ސައިކަލު ޕާކު ކުރުމުގައި، ޕާކުކޮށްފައިވަނީ ރައްކާތެރި ތަނެއްގައިތޯއާއި، ސައިކަލުގެ ޝަޓަރލޮކް ކުރައްވާތޯ ބެލިބެލުމުން %35 މީހުން މިކަންކަމަށް ސަމާލުކަން ދީފައިނުވާކަން ފާހަގަ ކުރެވުނުއިރު ކަމަށާއި ސައިކަލުގެ ރައްކާތެރިކަމަށް ދޭންވާ އަހަންމިއްޔަތުކަން ގިނަ ބަޔަކު ދީފައި ނުވާކަންވެސް ފާހަގަ ކުރެވިފައިވާކަމަށް ވެސް ފުލުހުން ވަނީ ބުނެފައެއެވެ.
ފުލުހުން ބުނެފައިވަނީ ސައިކަލުގައި އެލާމް ސިސްޓަމް ހަރުކުރުމާއި ސީސީޓީވީ ކެމެރާ ހުންނަ ސަރަހައްދު ތަކުގައި ޕާކު ކުރުމަށް ސަމާލުކަން ދިނުމުގެ އިތުރުން ސައިކަލު ފުލް ކަވަރޭޖު އިންޝުއަރެންސް ކުރުމަކީވެސް މިއަދު ސަމާލުކަން ދިނުން މުހިންމު ކަމެއްކަމަށެވެ.
ސައިކަލު ވަގަށް ނެގުމުގެ މައްސަލަތައް ހުއްޓުވުމުގައި ކޮންމެ ބޭފުޅަކަށްވެސް ފަރުދީ ގޮތުން ކުރެވިދާނެކަންކަމަށް ސަމާލުކަން ދެއްވުމަށާއި ސައިކަލެއް ވަގަށް ނަގާ މަންޒަރު ފެނިއްޖެނަމަ ނުވަތަ ސައިކަލެއް ވަގަށް ނަގަން އުޅޭ ކަމަށް ތުހުމަތު ކުރެވިއްޖެ ނަމަ ލަސްނުކުރައްވާ ފުލުހުންނަށް އެކަން ރިޕޯޓު ކޮށްދެއްވުމަށް ފުލުހުން ވަނީ އެދިފައެވެ.