އިސްލާމް ދީނުގައި ކުރަން ހުރި ކަންކަން ނުކުރަން ތިމާއަކީ މިނިވަނެއްކަމަށް ބުނާ މީހުން ވަޒީފާއަށް ވަކި ގަޑިއަކަށް ގޮސް ފިންގަރ ޕްރިންޓް ޖަހަނީ ކީއްވެގެންތޯ؟ 8 ޖަހާއިރު ދާން އޮންނަތަނަށް 11 ޖަހާއިރު ގޮސް ފިންގަރޕްރިންޓް ޖަހާފަ މިއީ މިނިވަންކަމޭ ނުބުނަނީ ކީއްވެގެންތޯ؟
ދުނިޔޭގައި މިތިބެވެނީ ﷲ ތަޢާލާ ދެއްވެވި ރިޒްޤް ކައިގެންނެވެ. ނޭވާލަނީ ﷲ ތަޢާލާ ދެއްވެވި އޮކްސިޖަން ބޭނުންކޮށްގެންނެވެ. ވީމާ މިނިވަންކަމުގެ ބޭނުންކޮށްގެން ﷲ ތަޢާލާ ދެއްވެވި އޮކްސިޖަން ބޭނުން ނުކޮށް އުޅެންވީ ނޫންތޯ؟ އެއިރުން އަޅުގަނޑުވެސް އުޅޭނީ އެމީހުންނާއިއެކު!
ނަމަވެސް މިފެންނަނީ ކިރިޔާވެސް އޮކްސިޖަންގެ މައްސަލައެއް ޖެހިއްޖެ ނަމަ ހޮސްޕިޓަލަށް ގެންގޮސް އެޑްމިޓްކުރާތަނެވެ. އަދި ބޭނުންކުރާ އޮކްސިޖަނަށް އަގުވެސް ދައްކަން ޖެހޭ ތަނެވެ. ވީމާ ﷲ ތަޢާލާގެ ދީލަތިވަންތަކަމަށް ވިސްނައި ނިކަން ޝުކުރުވެރިވެބަލާށެވެ!
އިންސާނާއަށް ބޭނުންވާ ހުރިހާ ނިޢްމަތްތަކެއް ދެއްވެވުމަށްފަހު އަހަރެމެންގެ މައްޗަށް ﷲ ތަޢާލާ ލައްވަވާފައިވަނީ އެންމެ ޙައްޤުފުޅެކެވެ. އެއީ ﷲ ތަޢާލާއަށް ޝަރީކް ނުކުރުމެވެ. ހަމަ އެއާއިއެކު ރަސޫލް (ޞޢވ) ގެ މައްޗަށް އަދާކުރަން ޖެހޭ ޙައްޤުތަކެއްވެސް ﷲ ތަޢާލާ ވަނީ ބަޔާން ކުރައްވަވައިފައެވެ.
އެއިގެ ތެރެއިން ފުރަތަމަ ޙައްޤަކީ ރަސޫލް (ޞޢވ) ގެ ރަސޫލްކަން ޤަބޫލުކޮށް އެކަމަށް ހެކިވުމެވެ. އެކަން ނުކޮށް އެމީހެއްގެ އީމާންކަން ފުރިހަމައެއް ނުވާނެއެވެ!
ކައުއިތުރު ރަސޫލާ މުޙައްމަދު (ޞޢވ) އަށްވުރެ ބޮޑަށް އެހެން އެއްވެސް މީހަކު ދެކެ ލޯވާނަމަ އެމީހާގެ އީމާންކަން ފުރިހަމައެއް ނުވާނެއެވެ. އަހަރެމެން ލޯބިވާން ޖެހޭނީ ރަސޫލް (ޞޢވ) ދެކެ ލޯބިވާ މީހުން ދެކެއެވެ. ރަސޫލް (ޞޢވ) އަށް ލޯބިނުކުރާ މީހުން ދެކެ ލޯބިވުން ހުއްދައެއް ނޫނެވެ. އެއީ އެމިހާގެ ޕާޓީގެ މީހަކު ނަމަވެސްމެއެވެ. މިއީ ރާއްޖޭގެ ރައްޔިތުން ވަރަށް ފުންކޮށް ވިސްނަން ޖެހިފައިވާ ކަމެކެވެ. "ﷲގެ ކޯފާ އަތުވެއްޖެ ނަމަ ސަލާމަތް ނުވާނެ."
ރަސޫލް (ޞޢވ) އަށް، އިސްލާމް ދީނަށް ފުރައްސާރަ ކުރާނަމަ އެމީހުންނާއި ޖެހޭނީ ދުރުހެލިވާށެވެ! ކުފުރުވެއްޖެނަމަ މައިންބަފައިންނާއިވެސް ޖެހޭނީ ދުރުހެލިވާށެވެ.
ރަސޫލް (ޞޢވ) އަށް ޞަލަވާތް ކިޔަވަން ޖެހެއެވެ. ރަސޫލް (ޞޢވ) ގެ މައްޗަށް ޞަލަވާތް ކިޔެވުމާއި ނުލައި ހުކުރު ޚުޠުބާ ފުރިހަމައެއް ނުވާނެއެވެ. އެހެނީ އެއީ ޚުޠުބާގެ ރުކުނެކެވެ.
ރަސޫލް (ޞޢވ) އަދަބު އިޙްތިރާމް އަދާކުރަން ޖެހެއެވެ. ކަންކަމުގައި ރަސޫލް (ޞޢވ)ގެ ނިންމެވުންތައް އެއީ އެންމެ ފުރިހަމަ ނިންމެވުންތައް ކަމުގައި ހިތުގެ އަޑިން ޤަބޫލުކުރަން ޖެހެއެވެ. އެއްވެސް ނިންމެވުމަކަށް އިންކާރެއް ނުކުރެވޭނެއެވެ. އަދި ކީއްހެއްޔެވެ؟ ރަސޫލް (ޞޢވ) ވަކިގޮތަކަށް ޙަދީޘްފުޅުކުރައްވަވާފައިވާ ކަމަކާއިމެދު "މިއީ މަށަށް ފެންނަ ގޮތް" ކަމަށް ބުނެ ވާހަކަ ދެއްކުމުގެ ޙައްޤު އެއްވެސް މީހަކަށް ލިބިގެނެއް ނުވެއެވެ.
- ފަޟީލަތުއްޝައިޚް އިލްޔާސް ޙުސައިން މިރޭ އަލިމަސް ކާނިވަލްގައި ދެއްވި ދަރުސުން
ދަރުސްގެ ވީޑިއޯ: