ތ. ވިލުފުށި ސިއްހީ މަރުކަޒުން އިންތިޒާމުކޮށްގެން ވިލުފުށިޕޮލިސް ސްޓޭޝަނާއި ވިލުފުށިމުއައްސަސާތަކާއި ކުލަބު ޖަމިއްޔާތައް ގުޅިގެން އެރަށުގެ ރައްތިތުންނަށް މޫދު ކަސްރަތު ޕްރޮގްރާމެއް ފަށައިފިއެވެ.
މިދިޔަ އޮކްޓޫބަރު މަހުގެ 27 ވަނަ ދުވަހުން ފެށިގެން 12 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ޕްރޮގްރާމަކީ، ވިލުފުށި ސިއްހީ މަރުކަޒުގެ 41 ވަނަ އަހަރީ ދުވަހާ ގުޅިގެން ކުރިއަށް ގެންދާ މޫދު ކަސްރަތު ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގައި ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ކަސްރަތު ކުުރުމުގެ މުހިންމުކަމާއި، މޫދު ކަސްރަތުން ލިބޭ ގިނަގުނަ ފައިދާތަކާއި ކަސްރަތު ކުރާނެ ގޮތް ބުނެދެވޭނެވެ.
މީގެ އިތުރުން މި ޕްރޮގްރާމް ކުރިއަށް ދާއިރު ކުށް މަދު އަމާން މުޖުތަމައެއް ބިނާ ކުރުމަށް ކުރެވޭނެ މަސައްކަތްތަކާ ގުޅޭ މުހިންމު މައުލޫމާތު ދިނުމަށް ހަމަޖެހިފައިވެއެވެ.
މި ޕްރޮގްރާމު ވިލުފުށީ ކައިރީގައި އޮންނަ ފަޅުރަށެއް ކަމުގައިވާ ހޮނޑެލިފުށި ބީޗުގައި ކުރިއަށްދާއިރު، މި ޕްރޮގްރާމުގައި މިހާތަނަށް 36 ބައިވެރިއަކު ބައިވެެރިވެފައިވެއެވެ. މިޕްރޮގްރާމުގައި ކުލާސްތައް ނަގައިދެނީ ކްރައިމް ޕްރިވެންޝަން އެންޑް ބަޕްލިކް އެފެއާޒް ޑިޕާޓްމަންޓުގައި މަސައްކަތްކުރާ ޕޮލިސް ސްޓޭޝަން އިންސްޕެކްޓަރ މަހްމޫދު އިބްރާހީމެވެ.