ކުށްމަދު އަމާން މުޖުތަމައެއް ބިނާކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ރ. މާކުރަތު ސްކޫލްގެ ބެލެނިވެރިންނަށް ހޭލުންތެރިކުރުމުގެ ސެޝަނެއް އުނގޫފާރު ޕޮލިސް ސްޓޭޝަނުން ކުރިއަށް ގެންގޮސްފިއެވެ.
މިދިޔަ މަހުގެ 30 ވަނަ ދުވަހު ރ. މާކުރަތު ސްކޫލުގައި ކުރިއަށްގެންދިޔަ ސެޝަންގައި ދަރިން ތަރުބިއްޔަތު ކުރުމާއި ގެވެށި އަނިޔާއާއި އެއްގަމު ދަތުރުފަތުރުކުރުމުގެ ޤާނޫނަށް އަހުލުވެރިކުރުމާއި މަސްތުވާތަކެތީގެ މައްސަލަތަކާ ގުޅޭ ގޮތުން މަޢުލޫމާތު ދީފައިވެއެވެ. އެގޮތުން ބެލެނިވެރިންނާއި ދަރިންނާއި ދެމެދު އޮންނަ ގުޅުން ހަރުދަނާކުރުމަށް ކުރެވިދާނެ ކަންކަމާ ދަރިން ތަރުބިއްޔަތު ކުރުމުގައި ސަމާލުކަން ދޭންވީ ކަންކަމާ ގުޅޭގޮތުން މަޢުލޫމާތު ދީފައިވެއެވެ. އަދި ދަރިންނާމެދު ވެވޭ އިހުމާލުތަކަކީ ކޮބައިކަމާއި ދަރިންނާމެދު އިހުމާލު ވެއްޖެނަމަ ޤާނޫނީ ގޮތުން އެޅޭ ފިޔަވަޅުތަކާ ގުޅޭގޮތުން ވެސް މަޢުލޫމާތު ދީފައިވެއެވެ.
މީގެއިތުރުން މުޖުތަމަޢުގައި ހިނގާ ކުށްތަކާއި ދަރިވަރުން ކުށްތަކަށް އަރައިގަންނަން މެދުވެރިވާ ސަބަބުތަކާއި ކުށުގެ ވެށްޓާ ދަރިން ދުރުކުރުމަށްޓަކައި ބެލެނިވެރިންނަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން މަޢުލޫމާތު ދީފައިވެއެވެ. އަދި ގެވެށި އަނިޔާއަކީ ކޮބައިކަމާއި ގެވެށި އަނިޔާގެ މައްސަލައެއް ދިމާވެއްޖެނަމަ ޢަމަލުކުރަންވީ ގޮތްތަކާއި ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނުގެ ދަށުން، އަނިޔާ ލިބޭފަރާތަށް ލިބިދޭ ރައްކާތެރިކަމާއި ޤާނޫނުގައި ހިމެނޭ މުހިއްމު ބައިތަކާ ގުޅޭގޮތުން މަޢުލޫމާތު ދީފައެވެ.
މިސެޝަންގައި އެސްކޫލްގެ 56 ބެލެނިވެރިން ބައިވެރިވެފައިވެއެވެ.