ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަޙްމަދު ހައިލަމް ސަސްޕެންޑުކޮށް، މިއަދަށް ތާވަލް ކުރެވުނު ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް އަށް ހުކުމް ކުރުމުގެ ޝަރީއަތް ކެންސަލް ކޮށްފިއެވެ.
ގާޒީ ހައިލަމް ވަނީ، ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙާއި ރައްޔިތުންގެ މަޖިލިހުގެ ރައީސް މުޙައްމަދު ނަޝީދު ޗޭނު އަޅުވާފައި ގެންދާ މަންޒަރު ދައްކުވައިދޭ ކާޓޫނު ފޮޓޯގަނޑެއް، ނަސްރުގެ ދުވަހު ތަހުނިޔާ ކިޔުމަށް ބޭނުންކޮށްފައެވެ. ކްރިމިނަލް ކޯޓުގެ ވައިބާ ގްރޫޕަކަށް އެފޮޓޯގަނޑު ފޮނުވުން އެމައްސަލަ ހޫނުވެ، އިއްޔެގެ ރައްޔިތުންގެ މަޖިލިސް ޖަލްސާގައި ވެސް ވަނީ އެކަމާއި ގުޅޭގޮތުން ގިނަ މެމްބަރުން ނުރުހުން ފާޅުކޮށްފައެވެ.
އެހެންކަމުން އެކަމާއި ގުޅިގެން ގާޒީ ހައިލަމްގެ ސުލޫކީ މައްސަލައެއް ބަލަން ނިންމާ، މިއަދު ހެނދުނު 8:00 އަށް ޖުޑިޝަލް ސާވިސް ކޮމިޝަނަށް ހާޒިރުވުމަށް ވަނީ ގާޒީ ހައިލަމް އަށް އަންގާފައެވެ. ނަމަވެސް ގާޒީ ހައިލަމް ވަނީ އެކޮމިޝަނަށް ހާޒިރުވުމަށް އުޒުރުވެރިވާ ކަމަށް ބުނެ ސިޓީ ފޮނުވާފައެވެ.
ކުރީގެ ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑްރިން މައްސަލައިގެ ހުކުމް އިއްވުމުގެ ޝަރީއަތް ތާވަލު ކުރެވިފައި އޮތީ މިއަދު މެންދުރު 13:00 އަށެވެ.
ގާޒީ ހައިލަމް ސަސްޕެންޑު ކުރުމާއި ގުޅޭގޮތުން ޖޭއެސްސީން ނެރުނު ބަޔާނުގައި ބުނެފައިވަނީ، އެކޮމިޝަނަށް ހާޒިރުވާން އުޒުރުވެރިވާ ސަބަބެއް ގާޒީ ހައިލަމްގެ ސިޓީގައި ބަޔާން ކޮށްފައިނުވާ ކަމަށެވެ.