ހދ. ހަނިމާދޫ ސުކޫލުން އިންތިޒާމުކޮށް ހަނިމާދޫ ޕޮލިސް ސްޓޭޝަނާއި ހަނިމާދޫ އެމްއެންޑީއެފް ޕޯސްޓް ގުޅިގެން، ހަނިމާދޫ ސުކޫލުގެ ދަރިވަރުންނަށް ފަތަން ދަސްކޮށްދިނުމުގެ ޕްރޮގްރާމެއް ފަށައިފިއެވެ.
މި ނޮވެމްބަރު މަހުގެ 4 ވަނަ ދުވަހުން ފެށިގެން 8 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ޕްރޮގްރާމަކީ ހަނިމާދޫ ސްކޫލުގައި ތައުލީމު ހާސިލު ކުރަމުންދާ ގްރޭޑް 1 އިން 6 އާ ދެމެދުގެ ދަރިވަރުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.
މި ޕްރޮގްރާމަކީ ސްކޫލުތަކުގެ ކަރިކިއުލަމްގެ ތެރެއިން، ކޮންމެ ދަރިވަރަކީ ފަތަން ދަންނަ ދަރިވަރަކަށް ހެދުމުގެ ގޮތުން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގައި ފްލޯޓް ކުރާނެ ގޮތާއި، ކިކް ޖަހާނެ ގޮތާއި، ތަފާތު ވައްތަރުގެ ސްޓްރޯކްތައް ބުނެދިނުމުގެ އިތުރުން މޫދަށް އެރިއުޅުމުގައި ސަމާލުކަން ދޭންޖެހޭ ކަންކަމާ ގުޅޭގޮތުން ދަރިވަރުންނަށް މަޢުލޫމާތު ދިނުމަށް ހަމަޖެހިފައި ވެއެވެ.
މި ޕްރޮގްރާމުގައި އެ ސުކޫލުގެ 235 ދަރިވަރުން ބައިވެރިވެފައިވެއެވެ.