ކުށްމަދު އަމާން މާހައުލެއް ރަށްރަށުގައި ޤާއިމުކޮށް އާންމު ރައްޔިތުން ހޭލުންތެރި ކުރުމަށް މަޢުލޫމާތު ދިނުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ރ. އިނގުރައިދޫ ޕޮލިސް ސްޓޭޝަނުން، ކިނޮޅަހު ގޭގެއަށް ޒިޔާރަތްކޮށް މަޢުލޫމާތުު ދިނުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.
އެގޮތުން ގޭބިސީތަކުގައި ހުރި ފުލުހުންނާއި ގުޅުންހުރި މައްސަލަތަކާ ގުޅޭގޮތުން މަޢުލޫމާތު އޮޅުންފިލުވާފައިވެއެވެ. އަދި ކިނޮޅަހުގައި އާއްމުކޮށް ހިނގާ ކުށްތަކާ ގުޅޭގޮތުން މަޢުލޫމާތުދީ ރައްޔިތުންގެ މުދަލާއި ގެދޮރުގެ ސަލާމަތާއި ރައްކާތެރިކަމަށް ކުރަންވީ ކަންކަމާ ގުޅޭގޮތުން މަޢުލޫމާތު ދީފައިވެއެވެ. އަދި ވައްކަން ކުރުމަށް މަގުފަހިވާ ގޮތަށް ގޭބިސީތަކުގައި ހުރި ތަންތަން ފާހަގަކޮށް އެކަންކަން ހައްލުކުރުމަށް ކުރެވެން ހުރި ކަންކަމާ ގުޅޭގޮތުން މަޢުލޫމާތު ދީފައިވެއެވެ. އަދި މަކާރާ ހީލަތުން ފައިސާ ހޯދުމުގެ މައްސަލަތަކާއި ގިނަ އަދަދެއްގެ ފައިސާ ގެންގުޅޭ އިރު ރައްކާތެރި ގޮތެއްގައި ފައިސާ ގެންގުޅުމާ ގުޅޭގޮތުން މަޢުލޫމާތު ދީފައިވެއެވެ.
މީގެ އިތުރުން ކިނޮޅަހަކީ އަމާން ރަށެއްގެ ގޮތުގައި ބޭއްވުމަށް ފުލުހުންނާއި ރައްޔިތުން ގުޅިގެން ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކޮށްފައިވެއެވެ. އަދި ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް އޮޅުން ފިލުވައި އެކަންކަން ހައްލުކުރުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން މަޝްވަރާކޮށްފައިވެއެވެ.
މި ހިނގާ ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ޕްރޮގުރާމަކީ ރ. އަތޮޅުގައި ފުލުހުންގެ މަރުކަޒުތައް ޤާއިމުވެފައި ނެތް ރަަށްރަށަށް އަމާޒުކޮށްގެން ހިންގާ ޕްރޮގްރާމެކެެވެ