ރައީސް ޔާމީންގެ ޝަރީޢަތް މިމަހުގެ ސަތާރައިގަ!

ކިޔުމަށް ހޭދަވާނީ 1މ 25ސ
ރައީސް ޔާމީންގެ ޝަރީޢަތް މިމަހުގެ ސަތާރައިގަ!

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑްރިންގެ ދައުވާގެ ޝަރީއަތް މިމަހުގެ 17 ވަނަ ދުވަހު ބޭއްވުމަށް ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފިއެވެ.

އެނގިފައިވާ ގޮތުގައި މިމަހުގެ 17 ވަނަ ދުވަހު ރައީސް ޔާމީންގެ ޝަރީއަތެއް ބޭއްވުމަށް ތާވަލުކޮށް، މިހާރުވަނީ އެމަނިކުފާނަށް ޗިޓުވެސް ފޮނުވާފައެވެ.

ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑަރިން މައްސަލައިގެ ހުކުމް އިއްވުމުގެ އަޑުއެހުމެއް މިދިޔަ އަންގާރަ ދުވަހަށް ތާވަލު ކުރެވުނު ކަމުގައިވީ ނަމަވެސް، އެމައްސަލަ ބައްލަވަމުން ގެންދެވި ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަޙްމަދު ހައިލަމް ސަސްޕެންޑު ކުރުމާއި ގުޅިގެން، އެއަޑުއެހުން ވަނީ ކެންސަލް ކޮށްފައެވެ.

ގާޒީ ހައިލަމް ސަސްޕެންޑް ކުރީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކަރުގައި ޗޭނު ޖަހައި ދަމާފައި ގެންދާތައް ފެންނަ ކުރެހުމަކުން، ގާޒީ ހައިލަމް ނަސްރުގެ ދުވަހުގެ ތަހުނިޔާ ވިދާޅުވި މައްސަލައެއް ފެންމަތިވުމާ ގުޅިގެން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިންނެވެ.

ނޮވެމްބަރ 17 ވަނަ ދުވަހު އެމައްސަލައިގެ ޝަރީޢަތް ބާއްވަން ތާވަލް ކޮށްފައި ވީނަމަވެސް އެދުވަހު އެމައްސަލައިގެ ޙުކުމް އިއްވާނެ ކަމަކަށް ނުބެލެވޭ ކަމަށް ބައެއް ޤާނުނީ ފަރާތްތަކުން ބުނެއެވެ.

ޖިނާޢީ އިޖުރާޢަތުގެ ޤާނޫނުގެ 152 ވަނަ މާއްދާގައި ވަނީ ފަނޑިޔާރަށް ޝަރީޢަތް ކުރިއަށް ނުގެންދެވޭނެ ހާލަތެއް މެދުވެރިވެއްޖެނަމަ ކޯޓަށް ހާއްޞަ ކުރެވިފައިވާ އެހެން ފަނޑިޔާރަކު އެ މައްސަލައިގެ ޝަރީޢަތް ކުރިއަށް ގެންދިއުމަށް ކަނޑައެޅުން، ނުވަތަ، އެ މައްސަލައިގެ ޝަރީޢަތް އަލުން ބޭއްވުމަށް ކަނޑައެޅުމެވެ.

 

މިއަދު އޮންލައިން