ޖުމްހޫރިއްޔާތުގެ ވެރިކަމެއް ދެމިއޮންނާނީ ރައްޔިތުންގެ އިތުބާރާއި ލޯބި ލިބިގެން ކަމަށް ހޯމް މިނިސްޓަރ ޝައިޚް އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
"ރައްޔިތުންނަށް އިޚްލާސްތެރިވުމަކީ ކޮންމެ ދަޢުލަތެއްގެ ޒިންމާއެއް. އަމިއްލަ މަސްލަހަތު އިސްކުރުމަށްވުރެ ރައްޔިތުންނާއި ޤައުމުގެ މަސްލަހަތާއި ހަމަޖެހުން އިސްކުރަންޖެހޭ. ނިމިގެންދިއަ ސަރުކާރަށް މިހާރު ފާޑުކިޔާފަދައިން މިހާރުގެ ސަރުކާރަށް މާދަމާ ފާޑުކިޔާނެ."
ޝައިޚް އިމްރާން މިފަދައިން ވިދާޅުވީ ދިވެހި ދެވަނަ ޖުމްހޫރިއްޔާއަށް 51 އަހަރު ފުރޭ، 52 ވަނަ ޖުމްހޫރީ ޖުމްހޫރީ ދުވަހުގެ މުނާސަބާގައި މިރޭ ދަރުބާރުގޭގައި ބޭއްވި ޚާއްސަ ޖަލްސާގައެވެ.
ޝައިޚް އިމްރާން ވިދާޅުވީ ރާއްޖެއަށް އަންނަ ކޮންމެ ގޮންޖެހުމަކުން ސަލާމަތްވުމަށް ސަރުކާރައި ރައްޔިތުން އެކުގައި މަސައްކަތް ކުރަންޖެހޭ ކަމަށާއި އިންސާނީ މުޖުތަމައުއެއްގައި ހަމަޖެހުމާއި މަސްލަހަތު ލިބިގެންވާ ވެރިކަމެއް ޤާއިމްވެފައި އޮންނާނީ ފަރުދުންނަށް ލިބޭ ޙައްގުތަކާއި އެއްވަރަށް ފަރުދުންގެ ޒިންމާވެސް އަދާކޮށްގެން ކަމަށެވެ.
ޝައިޚް އިމްރާން ވިދާޅުވީ ވެރިކަމުގެ ވައްޓަފާޅިއަށް ވިސްނައި ފިކުރުކުރުމަކީ ޖުމްހޫރިއްޔާތުގެ މުސްތަޤްބަލު އުޖާލާކުރުމަށް ކޮންމެ މީހެއްގެ ވެސް ޤައުމީ ވާޖިބެއްކަމަށާއި ޖުމްހޫރީ ވެރިކަމެއްގައި ވެރިކަމުގެ މިލްކުވެރިންނަކީ ރައްޔިތުންކަމަށެވެ.
ޝައިޚް އިމްރާން ވަނީ ދިވެހި ޖުމްހޫރިއްޔާގެ ކުރިއެރުން ދުނިޔޭގެ ޤައުމުތަކާހަމައަށް ގެންދިޔުމަށްޓަކައި ސަރުކާރާއި ރައްޔިތުން ގުޅިގެން މަސައްކަތް ކުރުމަށް ގޮވާލައްވައިފައެވެ.
"ރާއްޖެއިން ދުނިޔޭގެ ޤައުމުތަކާ ފައިހަމަކުރުމަށް ކުރިމަތިވާ ދަތިތަކެއް އެބަހުރި. އަދި މިދަނޑިވަޅުގައި އެކަންކަމަކީ ކޮބައިކަކަން ބަލާ ދިރާސާކޮށް ވިސްނާ ފިކުރުކުރަން ޖެހޭ.
ޝައިޚް އިމްރާން ވަނީ ހަޤީގީ ޖުމްހޫރީ ވެރިކަމުގެ އަސާސްތައް ވަޅުޖެހުމުން ދަނިކޮށް މިދިއަ އަހަރެއްހައި ދުވަހުގެ ތެރޭގައި ޖުމްހޫރީ ވެރިކަމެއްގެ ސިފަތައް ދެމެހެއްޓެވުމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިހް ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅު ފާހަގަކުރައްވައި އެމަނިކުފާނަށް ޝުކުރު އަދާކުރައްވައިފައެވެ.
ދިވެހި ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސަކީ ސުމުއްވުލްއަމީރު މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނެވެ. ދާދި ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ސިޔާސީ ކޯޅުންގަނޑެއްގެ ތެރެއިން ވަނީ ފުރަތަމަ ޖުމްހޫރީ ވެރިކަން ނިމުމަކަށް ގެނެސް މުޙައްމަދު ފަރީދު ރަސްކަމަށް އިސްކޮށްފައެވެ. އެރަސްކަން ނިމުމަކަށް ގެންނެވީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ދިވެހި ދެވަނަ ޖުމްހޫރިއްޔާގެ ރައީސް ސުމުއްވުލްއަމީރު އިބްރާހީމް ނާޞިރު ރަންނަބަނޑޭރިކިލެގެފާނު (ޏޣޢވ، ކޭސީއެމްޖީ) އެވެ. އެހެންކަމުން ރާއްޖޭގައި ޖުމްހޫރީ ދުވަހުގެ ގޮތުގައި މިހާރު ފާހަގަކުރަމުން އަންނަނީ ދެވަނަ ފަހަރަށް ރާއްޖޭގައި ޖުމްހޫރީ ވެރިކަމެއް ޤާއިމުކުރެވުނު ތާރީޚުކަމަށްވާ 11 ނޮވެމްބަރ 1968 އަށް ނިސްބަތްކޮށް ކޮންމެ އަހަރެއްގެވެސް ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހެވެ.