އދ. ހަންޏާމީދޫ ސްކޫލު ދަރިވަރުންނަށް ފަތަން ދަސްކޮށްދިނުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.
މި ހިނގާ ނޮވެމްބަރު މަހުގެ 10 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ޕްރޮގްރާމަކީ ސްކޫލު ކަރިކިއުލަމްގައި ހިމެނޭ، ކޮންމެ ކުއްޖަކީވެސް ފަތަން ދަންނަ ކުއްޖަކަށް ހެދުމަށް ކުރިއަށް ގެންދާ ޕްރޮގްރާމުގެ ދަށުން އެ ސްކޫލުގެ އެދުމުގެ މަތިން، މަހިބަދޫ ޕޮލިސް ސްޓޭޝަނާ ގުޅިގެން ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ.
މި ޕްރޮގްރާމުގައި ފްލޯޓް ކުރާނެ ގޮތާއި، ކިކް ޖަހާނެ ގޮތާއީ ފެތުމުގެ ހުނަރުތައް ދަސްކޮށްދީފައިވެއެވެ. އަދި މޫދުގައި އުޅޭއިރު ދިމާވާ ހާދިސާތަކުގައި އަމަލުކުރަންވީ ގޮތާއި މޫދަށް އެރި އުޅުމުގައި ސަމާލުކަންދޭންވީ ކަންކަމާ ގުޅޭގޮތުން މަޢުލޫމާތު ދީފައިވެއެވެ.
މި ޕްރޮގްރާމުގައި އެ ސްކޫލުގެ ގްރޭޑް 1 ން ގްރޭޑް 8 އަށް ތައުލީމް ހާސިލްކުރަމުންދާ 87 ދަރިވަރުން ބައިވެރިވެފައިވެއެވެ. މި ޕްރޮގްރާމު ކުރިއަށް ގެންދިއުމުގައި ހަންޏާމީދޫ ސްކޫލުގެ މުދައްރިސުންނާއި ބެލެނިވެރިންގެ އެހީތެރިކަމާއި އެއްބާރުލުން ލިބިފައިވެއެވެ.